ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ސިޓީގައި ބިޒްނަސް ފޯރަމްއެއް ބާއްވައިފި އެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި ދެކުނުގެ ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް، ސަރަޙައްދީ ބަނދަރުތައް މެދުވެރިކޮށް މުދާ ގެނައުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް މަޝްވަރާ ކުރުމަށް ބޭއްވި މި ފޯރަމްގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވި އެވެ.
ފުވައްމުލަކު ސިޓީގެ އޯޝަން ޕާރލްގައި ބޭއްވި މި ފޯރަމްގެ ފެށުމުގެ ރަސްމިއްޔާތުގައި، ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް މެންބަރު އަލީ ފަޒާދް، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤު، އަދި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެމްޕީއެލްގެ ފަރާތުން ކުންފުނީގެ އެޑްވައިޒަރ އަލީ ހާޝިމް ވެސް ވަނީ މި ފޯރަމްގައި ބައިވެރިވެވަޑައިގެން، ކުންފުނީގެ އަމާޒުތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.
މި ފޯރަމްގެ މައިގަނޑު އަމާޒަކީ ދެކުނު އަތޮޅުތަކުގައި ވިޔަފާރީގެ ވިއުގަ ތަރައްޤީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ވިޔަފާރިވެރިންގެ ހިޔާލު ހޯދުންކަމަށް އެމްޕީއެލްއިން ބުނެ އެވެ. އެމްޕީއެލްއިން ބޭނުންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބަނދަރުތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ތަރައްޤީކުރުމަށް މަގުފަހިކުރުމަށްކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މީގެ ސަބަބުން ސަރަޙައްދީ ބަނދަރުތަކުގެ ބޭނުން ފުރިހަމައަށް ހިފައި، ރައްޔިތުންނަށް ޚަރަދު ކުޑަކޮށް މުދަލާއި ކާބޯތަކެތި ގެނައުމުގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.
މިއީ އެމްޕީއެލްގެ އިސްނެގުމެއްގެ ދަށުން ކުރިއަށްދާ “ބަދަހި ޕްރޮގްރާމް”ސިލްސިލާ ބައްދަލުވުންތަކުގެ ބައެކެވެ. މީގެ ކުރިން ކުޅުދުއްފުށި ސިޓީގައި ވެސް މި ޕްރޮގްރާމްގެ ދަށުން ބިޒްނަސް ފޯރަމެއް ބާއްވާފައިވެ އެވެ. މިފަދަ ފޯރަމްތަކަކީ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގެ ހައްލުތަކާއި ވިޔަފާރި ތަރައްޤީކުރުމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މަގުފަހިކުރާ ފޯރަމްތަކެއްކަމަށް އެމްޕީއެލުން ބުނެ އެވެ.
މި ފޯރަމްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވިޔަފާރީތަކަށް ޚާއްސަކޮށްގެން ދޭ ޚިދުމަތްތައް ހިއްސާކުރެވުނެވެ. ޚާއްސަކޮށް ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ބޭނުންކުރުމާއި އަދި ލިބެންހުރި ކްރެޑިޓް ފެސިލިޓީތަކާ ބެހޭ މުހިންމު މަޢުލޫމާތު މި ބޭންކްތަކުން ވަނީ ވިޔަފާރިވެރިންނަށް ފޯރުކޮށްދީފަ އެވެ. އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވެސް ވިޔަފާރިތަކަށް ދެވޭ އެހީތެރިކަމާއި، ވިޔަފާރި ތަރައްޤީކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މުހިންމު އިރުޝާދުތަކެއް ހިއްސާކުރި އެވެ.
