އުރީދޫ ގްރޫޕުން ގަތަރުގެ ދޯހާގައި ބާއްވާ މެރަތަންގައި ރާއްޖެއިން ބައިވެރިވާ ދުވުންތެރިންނަށް ހާއްސަ ފުރުސަތެއް އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފި އެވެ.
އުރީދޫން ބުނި ގޮތުގައި އަންނަ ޖަނަވަރީ މަހުގެ 16 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ’އުރީދޫ ދޯހާ މެރަތަން‘ ގައި ބައިވެރިވާ 15 ދިވެހި ދުވުންތެރިންގެ ރަޖިސްޓްރޭޝަން ފީ ހަމަޖައްސައިދިނުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
އުރީދޫ ދޯހާ މެރަތަން އަކީ ގަތަރުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް އިވެންޓެވެ. މި އަހަރުގެ މެރަތަންގައި 15،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، އުރީދޫން ބުނި ގޮތުގައި 15 ދުވުންތެރިއެއްގެ ރަޖިސްޓްރޭޝަން ފީ ސްޕޮންސާ ކުރަން ނިންމީ ދުވުމުގެ މި ބައިނަލްއަޤްވާމީ މަންސާގައި ރާއްޖޭގެ ދުވުންތެރިންނަށް ބައިވެރިވުމުގެ ފަސޭހަ މަގެއް ހޯދައިދިނުމުގެ ގޮތުންނެވެ.
އުރީދޫން ބުނި ގޮތުގއި ރަޖިސްޓްރޭޝަން ފީ ހަމަޖައްސައިދޭ 15 ދުވުންތެރިން ހޮވުމަށް ހަމަޖެހިފައިވަނީ ލަކީ ޑްރޯއެއްގެ ޒަރީއާއިންނެވެ. މި ލަކީ ޑްރޯގައި ބައިވެރިވުމަށް ދުވުންތެރިންގެ ފަރާތުން ހާއްސަ ޝަރުތުތަކެއް ވަނީ ފުރިހަމަ ކުރަން ޖެހިފަ އެވެ. މައިގަނޑު ޝަރުތުތަކަކީ: ދުވުމުގެ ތަޖްރިބާ ހުރުން، އެގޮތުން މީގެ ކުރިން 10ކޭ ނުވަތަ ހާފް މެރަތަން ނުވަތަ ފުލް މެރަތަންއެއް ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރެވޭ ގޮތަށް މައުލޫމާތު ހުށަހެޅުން ލާޒިމުވެ އެވެ.
މީގެ އިތުރުން، ދުވުންތެރިއަކީ ގަތަރަށް ދަތުރުކުރެވޭނެކަން ކަށަވަރުކުރެވޭ މީހަކަށް ވެފައި، ދިވެހި ޕާސްޕޯޓެއް އޮންނަން ޖެހޭނެ އެވެ. މި ޝަރުތުތައް ފުރިހަމަވާ ދުވުންތެރިންނަށް އެ ފުރުސަތަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
