މުދައްރިސުންނަކީ އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރާ ބަޔަކަށް ވާންޖެހޭ: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

މުދައްރިސުންނަކީ އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރާ ބަޔަކަށް ވާންޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މިނިސްޓަރު ޝަފީއު ވިދާޅުވީ މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިން ކަމަށާއި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތްކުރައްވަނީ މުދައްރިސުންކަމަށެވެ.

އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނުވެސް ދެކެވަޑައިގަންނަވަނީ އެގޮތަށް ކަމަށެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރު ކަމުގައިވާ ”ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން“ ގައި ބުނާ ފަދައިން މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށްޓަކާ މަސައްކަތްތަކެއް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ޓީޗަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ފަންނީ ގާބިލުކަން އިތުރުކޮށް ގުޅުންތައް ވަރުގަދަކޮށް ހުރިހާ ފަރާތްތަކާއި، ޕްރިންސިޕަލުންގެ އެއްބާރުލުމާ އެކުގަ މުދައްރިސުންގެ ކުރިއެރުމަށް މަސައްކަތްކުރަން ތައްޔާރަށް ތިއްބެވި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަސް މިއަހަރުވެސް ކުލަގަދަ ކޮށް ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައިވެސް އަންނަނީ ފާހަގަކުރަމުންނެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ މުދައްރިސުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ