މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 353 މީޑިއާއަކަށް ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުލެވޭނެ މީޑިއާތަކުގެ ފުރަތަމަ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ގެޒެޓްކޮށްފައެވެ. މި ލިސްޓުގައި ހިމެނޭ 353 މީޑިއާގެ ތެރޭގައި 18 ބްރޯޑްކާސްޓަރުންގެ ކުންފުނިތައް ވެސް ހިމެނެއެވެ.
ޖުމްލަ ހަތް މެންބަރުން ތިބޭ މި ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބުކުރާނީ ހަތަރު މެންބަރުންނެވެ. އޭގެ ތެރެއިން ދެ މެންބަރުންނަކީ އޮންލައިން މީޑިއާގެ ފަރާތުން އަދި އަނެއް ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އިންތިޚާބުކުރާ މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ.
ކޮމިޝަނަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައިވުމާއި، މީޑިއާގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ނުވަތަ ފަސް އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. އަދި މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އިންތިޚާބުގެ ވޯޓުލުން އޮންނާނީ މާލޭގައި އެކަނި ކަމަށާއި، ވޯޓުލެވޭނީ މުއްދަތު ހަމަނުވާ އައިޑީކާޑު، ލައިސަންސް އަދި ޕާސްޕޯޓު ބޭނުންކޮށްގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.