ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ’ސިގްނޭޗާ ރިސާޗް‘ ސްކޮލާޝިޕްގެ 49 ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޮލާޝިޕަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ރިސާޗް މަސައްކަތްކުރުމުގެ ފުރުސަތެކެވެ.
މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުމާއެކު، ޤާބިލު ތަރިކަވެރިންތަކެއް އުފެއްދުމެވެ. މި ސްކޮލަރޝިޕް ފުރިހަމަކުރާ ފަރާތްތަކަށް ”މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް“ ސަނަދު ހާސިލްކުރެވޭނެއެވެ.
ސްކޮލާޝިޕްގެ ދަށުން ހިންގާ ރިސާޗް މަސައްކަތްތަކުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި ކޮންމެ މަހަކު އެއްފަހަރު ދެ ދުވަހަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެއެވެ. މި ކޯހަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ”މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް (ކޯސްވޯކް އޮންލީ)“ ކޯހެކެވެ.
ސްކޮލާޝިޕަށް ކުރިމަތިލެވޭނީ ދިވެހި ރައްޔިތުންނަށެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ 14:00 އެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް admin@dhiraasa.gov.mv އަދި hr@mdlch.gov.mv އަށް މެއިލްކުރުމުން ނުވަތަ 7226046 އަށް ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.