ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މި އަހަރު ބޭނުންކުރާނެ ލޯގޯއެއް ފަރުމާކޮށްގެން 30،000 ރުފިޔާ ހޯދުމުގެ ފުރުސަތު ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މި ލޯގޯއިން އިސްލާމްދީނާއި، ދިވެހިބަހާއި، ސަގާފަތާއި، ދިވެހި ތަރިކަ ރަމްޒުކޮށްދޭންޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބަޔާންކޮށްފަ އެވެ. މީގެއިތުރުން، ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދައުލަތް މިނިވަންކަމާއެކު ދެމިއޮތުންވެސް މި ލޯގޯއިން ރަމްޒުކޮށްދޭންޖެހޭނެ އެވެ.
ލޯގޯ ފަރުމާކުރުމުގައި އިސްކަންދޭންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒުކޮށްދިނުމާއި، ކުރިމަގުގައި މިނިވަންކަމުގައި ދެމިތިބުމަށް ކުރާ އުއްމީދުތައް ހިމެނެ އެވެ. އަދި މިނިވަންކަމުގެ 60 އަހަރުގައި ދިވެހި ގައުމު ހޯދި ކުރިއެރުންތަކާއި ކުރިއަށް އޮތްތަނުގައި ހޯދަން އުއްމީދުކުރާ ކުރިއެރުންތައްވެސް ހިމަނަންޖެހެ އެވެ.
ލޯގޯ ފަރުމާކުރުމުގައި ބޭނުންކުރަންޖެހޭނީ ގައުމީ ކުލަތަކެވެ. އިތުރު ކުލައެއް ބޭނުންކުރާނަމަ، ދިވެހިންގެ ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކުރާ ނޫކުލަ ބޭނުންކުރެވިދާނެ އެވެ. މީގެއިތުރުން، މި ލޯގޯއަކީ ބެޖް، ސްޓިކާ، ބެނާ، ޓީޝާޓު އަދި އިލެކްޓްރޯނިކް މީޑިއާގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށް ވާންޖެހޭނެ އެވެ.
ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ހުށަހަޅާ ލޯގޯތައް ވަޒަންކުރާނީ އެކަމަށް ޚާއްޞަކޮށް އެކުލަވާލެވޭ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އަދި ލޯގޯތައް ވަޒަންކުރުމުގައި ކޮލިޓީއާއި ޓެކްނިކަލް ފެންވަރު، އަސްލުވަންތަކަމާއި އުފެއްދުންތެރިކަން، ދިވެހިވަންތަކަން އަދި މިނިވަން 60 ގެ ސިފަތައް ރަމްޒުކޮށްދީފައިވާ މިންވަރަށް ބެލޭނެ އެވެ.