މީޑިއާ ކައުންސިލުން އެދުނީ ބިލު ބޭރުކޮށް، އާ ބިލެއް އެކުލަވާލުމަށް ދިރާސާކޮށް މަޝްވަރާކުރަން

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ބޭރުކޮށްލާ އާ ބިލެއް އުކުލަވާލުމަށް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެ އެވެ.

މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި ބިލެކެވެ. މި ބިލް ދިރާސާކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ފަށާފައިވާއިރު މިއަދު އެ ކޮމިޓީން ވަނީ އެމްއެމްސީގެ މެންބަރުންނާ ބައްދަލުކޮށްފަ އެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްސީގެ ރައީސް ހުސައިން ޡަޤީފް ވިދާޅުވީ މި ބިލް ޑްރާފްޓް ކުރުމުގައި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށާއި އެހެންކަމުން އެމްއެމްސީގެ ބައްދަލުވުމެއްގައި މި ބިލް މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އަދި މި ބިލް އޮތްގޮތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށްވެސް އެދިފައިވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެމްއެމްސީގެ ރައީސް ވިދާޅުވީ މި ބިލް އެކުލަވާލުމުގައި އެމްއެމްސީ، ބްރޯޑްކާސްޓިން ކޮމިޝަން އަދި އެއްވެސް ކަމާބެހޭ ފަރާތެއްގެ މަޝްވަރާއެއް ހޯދައިފައިނެތްކަން ފާހަގަވާ ކަމަށެވެ. މި ބިލުގެ މާއްދާތައްހުރީ ނޫސްވެރިކަމުގެ ހައްޤު ހަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅޭގޮތަށް ކަމަށްވެސް ޡަޤީފް ވިދާޅުވި އެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގިނަ މާއްދާތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ. މި ބިލުގައި ބްރޮޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް އެއްކޮށްލުމަށް ހުށަހަޅާފައިވާއިރު، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގެ 28، 29 އަދި 30 ވަނަ ޕޮއިންޓުން މި ދެކޮމިޝަން އެއްކޮށްލުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުން ނޫންކަންވެސް ހާމަވާކަމަށް ވިދާޅުވި އެވެ.

ޡަޤީފް ވިދާޅުވީ މި ބިލާއި ގުޅޭގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އަލީގައި ލިބުނު ކޮމެންޓްތަކަށްބަލާއިރު މި ބިލަކީ ބޭރުކޮށްލަންޖެހޭ ބިލެއް ކަމަށެވެ. އަދި ރަނގަޅު ދިރާސާއެއްކޮށް ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން ބަންޑާރަނައިބު ބިލެއް ހުށަހެޅުން ރަނގަޅުކަން ފާހަގަކުރެއްވި އެވެ. އަދި މިހާރު އޮތް ބިލަށް ބަދަލުތަކެއް ގެނެސްގެންވެސް ފަހުންލިބޭ ގޮންޖެހުން މާ ބޮޑުވާނެކަމަށް ވިދާޅުވި އެވެ. ޒިންމާދާރު، މިނިވަން ނޫސްވެރިކަމަށް ޤާނޫނުތަކަށް ބަދަލުގެންނަންޖެހޭކަމަށާއި ނަމަވެސް އެކަމަށް ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރަންޖެހޭކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން އެމްއެމްސީގެ ނައިބުރައީސް އިބްރާހީމް މުޙައްމަދު ވިދާޅުވީ ކޮމިޝަންގެ ސްޓޭންޑަކީ ބިލަށް އިތުރު އިސްލާހެއް ހުށަނާޅާ އޮތްގޮތަށް ބޭރުކުރުން ކަމަށެވެ. ނޫސްވެރިކަމަށް ޤާނޫނެއް މުހިންމު ކަމަށާއި ނަމަވެސް އެކަންކުރަންވާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެވިގެން ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާރު އެކި ފަރާތްތަކުން މީޑިއާއާމެދު ފާޅުކުރާ ކަންބޮޑުވުންތަކަށް މިބިލުން ހައްލެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލުގައި ހުރި ވާހަކަތަކާ ގުޅިގެން ނޫސްވެރިން އަދި ބޭރުގެ ޖަމިއްޔާތަކުންވެސް އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި މިއަދު ބްރޮޑްކޮމްއިންވެސް ވަނީ ބިލް ޑްރާފްޓް ކުރުމުގައި ލަފައެއް އަހާފައި ނުވާތީ އަދި ރަނގަޅު ދިރާސާއެއް ހަދާފައި ނުވާތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ