ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފި އެވެ.

ކެނެޑާގެ ބޮޑުވަޒީރު މާކް ޖޯސެފް ކަރނީ ސޯޝަލްމީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލުގެ މައްސަލައިގައި ކެނެޑާއިން އަބަދުވެސް ވަކާލާތުކުރަނީ 2 ސްޓޭޓް ސޮލިއުޝަނަށް ކަމަށެވެ. މިކަމަށްޓަކައި އަދި ސުލްހަ ގާއިމުކުރުމަށް މަޝްވަރާގެ މަސައްކަތްތަކެއް އިޒްރޭލާއި ފަލަސްތީނުގެ އިދާރާތަކުގެ މެދުގައި ކުރެވުނުކަން ފާހަގަކޮށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، މިކަމަށް މިހާރު ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން މި މަސައްކަތަށް ހުރަސް ކުރިމަތިވީ، ހަމާސްއިން 2023 އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށްދިން ހަމަލާގެ ސަބަބުންނާއި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ ރައްޔިތުން ހިފަމުންދިއުމާއި، ހުޅަނގު އައްސޭރި ހިފުމަށް ގޮވާލި ގޮވާލުމެއް އިޒްރޭލުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރުމުންކަން ފާހަގަކޮށްފައިވެ އެވެ.

ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި އުނދަގޫ ހާލަތަކީ އެކަމާއި ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ގުޅިގެން މަސައްކަތްކުރަންޖެހިފައިވާ ކަމެއްކަން ކެނެޑާގެ ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ. އަދި އެ ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތްކުރަންޖެހޭކަމަށްވެސް ވިދާޅުވި އެވެ.

އެހެންކަމުން ސެޕްޓެމްބަރު މަހު އޮންނަ އ.ދގެ އާންމު މަޖިލީހުގައި ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައިވާކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ޖޯސެފް ކަރނީ ވިދާޅުވި އެވެ.

ކެނެޑާގެ ބޮޑުވަޒީރު މާކް ޖޯސެފް ކަރނީ ގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކެނެޑާގެ މި ނިންމުމަކީ ފަލަސްތީނުގެ އިދާރާތަކަށް ގެންނަންޖެހޭ ރިފޯމް ގެނައުމަށާއި ދައުލަތް ހިންގުމުގެ އަސާސްތައް ރިފޯމް ކުރައްވާނެ ކަމަށް ފަލަސްތީނުގެ ރައީސް ދެއްވާފައިވާ ޔަގީންކަމުގެ މައްޗަށް ބިނާކޮށް ނިންމަވާ ނިންމެވުމެއް ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރު ފަލަސްތީނުގައި ޖެނެރަލް އިލެކްޝަން ބޭއްވުމަށާއި އެ އިންތިހާބުގައި ހަމާސްއަށް ވާދަނުކުރެވުމާއި ފަލަސްތީނުގެ ދައުލަތް ޑިމިލިޓަރައިޒް ކުރުން ހިމެނޭ ކަމަށެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަތްނަމަވެސް އިޒްރޭލު ދެމިއޮތުމުގެ ހައްޤަށް ކެނެޑާއިން ތާއީދުކުރާނެ ކަމަށާއި އަދި ސަރަހައްދުގެ ރައްކާތެރިކަމާއި ސަލާމަތް ދެމެހެއްޓުމަށްވެސް ކެނެޑާއިން ތާއީދުކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ކެނެޑާއިން ނިންމާފައިވާއިރު ފްރާންސް، ނޯވޭ، އަޔަލޭންޑް އަދި ސްޕެއިނުން އަދި ޔޫކޭއިންވެސް ވަނީ ނިންމާފަ އެވެ.

ކެނެޑާ ފަލަސްތީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ