ރަޝިޔާގެ ސިފައިންގެ އަދަދު ތިން ވަނަ ފަހަރަށް އިތުރު ކުރުމަށް އެެ ގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން އަމުރުކުރައްވައިފި އެވެ.
މި އަމުރާ އެކު ރަޝިޔާގެ ސިފައިންގެ އަދަދު 180،000 އަށް އިތުރުވެގެންދާނެ ކަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވެ އެވެ.
ރަޝިޔާ ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި އަމުރަށް ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. މި އަމުރާ އެކު ރަޝިޔާގެ ހަތިޔާރު އެޅި ސިފައިންގެ ޖުމްލަ އަދަދު 2.38 މިލިއަނަށް އަރާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނާއި ހަނގުރާމަ ފެށި ފަހުން ޕުޓިން ސިފައިންގެ އަދަދު އިތުރުކުރުމަށް އަމުރުކުރެއްވި ތިން ވަނަ ފަހަރެވެ. އަލްޖަޒީރާއިން ބުނާ ގޮތުގައި މި އަމުރުގެ މައިގަނޑު މަޤްޞަދަކީ އިރުމަތީ ޔޫކްރެއިންގައި ހަނގުރާމަ ވަރުގަދަ ކުރުމާއި، ޔޫކްރެއިނުން ހިފާފައިވާ ރަޝިޔާގެ ކްރައިމިއާ ސަރަހައްދު މިނިވަން ކުރުމެވެ.
ޖޫން މަހު ޕުޓިން ވަނީ ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އަދަދު ގާތްގަނޑަކަށް 700،000 އަށް އަރުވާފަ އެވެ. އަދި ހަނގުރާމައިގެ ކުރީކޮޅު 300،000 ރިޒާވް ސިފައިން ހަނގުރާމައިގައި ކުރީ ސަފަށް ނެރުއްވި އެވެ. ނަމަވެސް، ރަޝިޔާގެ އަސްކަރީ މާހިރެއް ކަމުގައިވާ ޑާރާ މަސިކޮޓް ބުނެފައިވަނީ ޑިފެންސްގެ ބަޖެޓް މި އަމުރަށް ތަންދިނުމާމެދު ޝައްކު އުފެދޭ ކަމަށެވެ. އަދި މި އަމާޒު ހާސިލުކުރުމަށްޓަކައި ރަޝިޔާގެ ގާނޫނަށް ބަދަލު ގެނެސް، އަންހެނުން ހަނގުރާމައިގެ ސަފުތަކަށް ނެރުން ފަދަ ބަދަލުތައް ގެންނަން ޖެހިދާނެ ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.
މި ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ ވަރަށް ގިނަ ސިފައިންގެ މީހުން މަރުވެފައިވާއިރު، ރަޝިޔާ ސަރުކާރުން ވަނީ މަރުވި ސިފައިންގެ މީހުންގެ ސީދާ އަދަދުތައް ހާމަކުރަން ދެކޮޅު ހަދާފަ އެވެ.