ޝައިހް ހަސީނާ ބޮޑުވަޒީރުކަމުން ދުރުކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރުންގެ ލީޑަރު ޝަރީފް އުސްމާން ހާދީ ނިޔާވުމާ ގުޅިގެން ބަންގްލާދޭޝްގެ މަގުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، މީޑިއާ މަރުކަޒުތަކަށް ހަމަލާދީ، ހުޅުޖަހައިފި އެވެ.
ހާދީ ނިޔާވީ މިދިޔަ ހަފްތާގައި އޭނާއަށް ބަޑިން ދިން ހަމަލާއަކަށް ފަހު ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ މަރުގެ ޚަބަރު ފެތުރުމާއެކު، ސަޕޯޓަރުން ވަނީ ގައުމީ މަސްލަހަތާ ޚިލާފުވާ ކަމަށް ތުހުމަތުކޮށް މީޑިއާތަކަށް ހަމަލާދޭން ފަށާފަ އެވެ.
އިންގިލާބު މަންޗާ ޕްލެޓްފޯމްގެ އިސް ލީޑަރެއްގެ ގޮތުގައި ހާދީ ހަރަކާތްތެރިވި އެވެ. އޭނާ ނިޔާވީ ޑާކާގައި އިންތިޚާބީ ކެމްޕޭނެއްގެ ތެރޭގައި ބޮލަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. ހާދީ ނިޔާވި ޚަބަރު ފެތުރިގެން ދިޔުމާއެކު، އޭނާގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ، މީޑިއާތަކަށް ދަނީ ’އެހެން ގައުމުތަކަށް ބުރަވުމުގެ‘ އާއި ’ގައުމީ މަސްލަހަތާ ޚިލާފުވުމުގެ‘ ތުހުމަތުކޮށް ހަމަލާތައް އަމާޒުކުރަމުންނެވެ.
ރޭ މެންދަމުގެ ވަގުތެއްގައި، ޑާކާގެ ކަރްވާން ބާޒާރުގައި ހުންނަ މީޑިއާގެ މައި މަރުކަޒަކީ ހަމަލާދޭން އަމާޒުކުރި މައި ތަނެވެ. ބަންގާޅީ ދުވަހު ނޫސް ’ޕްރޮތޮމް އަލޯ‘ ގެ އޮފީހަށް ގްރޫޕްތަކަކުން އަރައި، އެތަނުގެ ސާމާނުތަކަށް ގެއްލުންދިނުމަށްފަހު، ތިރީ ފަންގިފިލާގައި ވަނީ ރޯކޮށްލާފަ އެވެ. އެއަށްފަހު، ހަމަލާދިން މީހުން ވަނީ ކައިރީގައި ހުރި ’ދަ ޑެއިލީ ސްޓާރ‘ ގެ އިމާރާތަށް ވެސް އަރާ ފައެވެ. މި ހާދިސާ ހިނގިއިރު 25 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ އިމާރާތުގެ މަތީ ފަންގިފިލާތަކުގައި ތާށިވެފަ އެވެ.
މި ދެ ނޫހަށް ވެސް ވަނީ ގެއްލުންތައް ބަލައި، ހާލަތު ރަނގަޅުވަންދެން ހުކުރު ދުވަހުގެ ޕްރިންޓް އެޑިޝަން ނެރުން ހުއްޓާލަން ޖެހިފަ އެވެ. މިއީ މި ދެ ނޫހުގެ ތާރީހުގައި ޕްރިންޓް އެޑިޝަން ހުއްޓާލަން ޖެހުނު ފުރަތަމަ ފަހަރު އެވެ.
ހަސީނާގެ ވެރިކަމަށްފަހު ޤައުމުގެ ކަންކަން ހަމައަކަށް އޭޅުމަށް ވެރިކަމަށް ވަޑައިގެންނެވި، މުޙައްމަދު ޔޫނުސްއަށް ވަނީ ޤައުމު މަސްލަސްކުރުމުގައި ނުކުޅެދިފަ އެވެ. އޭނާއަކީ ހުޅަނގެ ޤައުމުތަކަށް ވާގިވެރިވާ ބޭފުޅެކެވެ.



