ގުޅީފަޅު ކައިރި ކަނޑުމަތިން އިއްޔެ މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ޗައިނާގެ ރައްޔިތެއްކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން އެމީހާ ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓިގެންކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މިއަދު ދިން މައުލޫމާތުގައި ބުނެފައިވަނީ، މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ 38 އަހަރުގެ ޗެންގް ޖިއާ ކަމަށެވެ. އޭނާ ކަނޑަށް ވެއްޓިފައިވަނީ 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ.
ފުލުހުން އިތުރަށް ބުނީ، މީހާ ކަނޑަށް ވެއްޓުމާއެކު ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީގެން ހޯދުމުގެ މަސައްކަތްކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. މީގެ އިތުރުން، މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ވެސް ވަގުތުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޯސްޓްގާޑުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މަރުވެފައި އޮއްވާ އޭނާ ފެނިފައިވަނީ އިއްޔެ 13:32 އެހައިކަންހާއިރު ގުޅީފަޅު ކައިރި ކަނޑުމަތިންނެވެ. އޭނާގެ ހަށިގަނޑު ފެނުމުން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކަނޑުމަތީގެ ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިފަޅު ޗައިނާ



