ފްރާންސް އާއި ބެލްޖިއަމް ފަދަ އިތުރު ގައުމުތަކުން މިއަދުގެ އދ. ބައްދަލުވުމުގައި ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިއީ އިއްޔެ އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން މިކަމަށް ތާއީދުކުރަން ނިންމުމުން މި ލިސްޓަށް އިތުރުވާން ނިންމި ބައެއް ގައުމުތަކެވެ.
ނިއުޔޯކުގައި މިއަދު މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އިންތިޒާމުކުރަނީ ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން އާއި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އިސްރާއީލާއި ފަލަސްތީނުގެ ދެމެދުގައި ދެ ދައުލަތުގެ ހައްލެއް ހޯދުމަށް މަގުފަހިކުރުމެވެ.
އިސްރާއީލާއި އެ ގައުމުގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އެމެރިކާ މި ބައްދަލުވުމުގައި ބައިވެރިއެއް ނުވާނެ އެވެ. މި ދެ ގައުމަކީ އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. އަދި އިއްޔެ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން އިއުލާނުކުރި ގައުމުތަކުގެ ނިންމުމާ އިޒްރޭލާއި އެމެރިކާއިން ދެކޮޅު ހަދާފައިވެ އެވެ.
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މި ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. އެއީ އެމެރިކާއިން އޭނާ އާއި އިތުރު 80 ފަލަސްތީނު އޮފިޝަލުންނަށް ވީސާ ދިނުމަށް އިންކާރުކޮށްފައިވާތީ މި ބައްދަލުވުމަށް ދަތުރު ނުކުރެވުމުންނެވެ.
މި ބައްދަލުވުން ބޭއްވެނީ މާދަމާ ފެށޭ އދ. ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ އަހަރީ ބައްދަލުވުމުގެ ކުރިންނެވެ. މިހާރު އދ. ގެ 193 މެންބަރު ގައުމުތަކުގެ ތެރެއިން ހަތަރުބައިކުޅަ ތިންބަޔަށްވުރެ ގިނަ ގައުމުތަކުން ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފަ އެވެ.