ފަލަސްތީނުގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށާއި މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ގޮވާލާ ހުށަހެޅުނު ”ނިއު ޔޯކް ޑެކްލަރޭޝަން“ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ.
މި ވޯޓުގައި ބައިވެރިވި 152 ގައުމުގެ ތެރެއިން 142 ގައުމުން ވަނީ ގަރާރަށް ތާއީދުކޮށްފައެވެ. އަދި 10 ގައުމުން ވަނީ ގަރާރާ ދެކޮޅަށް ވޯޓުދީފައިވާއިރު، 12 ގައުމަކުން ވަނީ ވޯޓުގައި ބައިވެރިނުވާން ނިންމާފައެވެ. ދިވެހިރާއްޖެއިން ވެސް ވަނީ މި ގަރާރަށް ތާއީދުކޮށް ވޯޓުދީފައެވެ.
މި ގަރާރުގައި އެންމެ މުހިންމު ގޮތެއްގައި ފާހަގަކޮށްފައިވަނީ ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، މިނިވަން، އިގްތިސާދީގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ފަލަސްތީނު ދައުލަތެއް ބިނާކުރުމަށެވެ. ހަމާސްގެ ބައިވެރިވުމެއް ނެތި މި ދައުލަތް ގާއިމުކުރުމަށް ވެސް ގަރާރުގައި ގޮވާލާފައިވެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ގަރާރަށް ތާއީދުކުރާކަން ހާމަކުރަމުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ”ދިވެހިރާއްޖެއިން 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް، އިރުމަތީ ޖެރޫސަލަމަކީ އޭގެ ވެރިކަން ކުރާ ރަށްކަމުގައި، އދ.ގެ ކަމާބެހޭ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް އޮތް އިލްތިޒާމު އަލުން ދަމަހައްޓާ“ ކަމަށެވެ.
މި ޑެކްލަރޭޝަނަކީ ފްރާންސް އަދި ސައޫދީ އަރަބިއްޔާގެ އިސްނެގުމުގެ ދަށުން 2025 ޖުލައި 28 އިން 30 އަށް އދ.ގައި ބޭއްވުނު މަތީ ފެންވަރުގެ ބައިނަލްއަގްވާމީ ކޮންފަރެންސްގެ ނަތީޖާއެކެވެ. މި ޑެކްލަރޭޝަނުގައި ސަރަހައްދީ ސަލާމަތާއި، އިންސާނީ ހައްގުތަކާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ހިމެނޭ ބައިނަލްއަގްވާމީ ގާނޫނުގެ އުސޫލުތައް ހަރުދަނާކުރުމަށް ވެސް އިސްކަންދީފައިވެއެވެ.