އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ނަން ”ވޯރ ޑިޕާޓްމަންޓް“ ނުވަތަ ހަނގުރާމަ ޑިޕާޓްމަންޓްގެ ނަމަށް ބަދަލުކުރުމަށް އެ ޤައުމުގެ ރައީސް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެެވެ.
ވައިޓް ހައުސްގެ އިސް އޮފިޝަލެއް ބުރާސްފަތި ދުވަހު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި މިއަދުގެ ވަގުތެއްގައި ޓްރަމްޕް އެކަމާއި ގުޅޭ އެގްޒެކެޓިވް އޯޑަރ ނުވަތަ ރިޔާސީ އަމުރުގައި ސޮއިކުރައްވާނެ އެވެ.
މި އެގްޒެކެޓިވް އޯޑަރުގެ ދަށުން، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އާއި އެހެނިހެން އޮފިޝަލުންނަށް ”ސެކްރެޓަރީ އޮފް ވޯރ“ އަދި ”ޑިޕާޓްމަންޓް އޮފް ވޯރ“ ފަދަ ނަންތައް ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެ އެވެ. އަދި މި ބަދަލު ދާއިމީ ކުރުމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ހެގްސެތަށް އަންގާފައިވެ އެވެ.
ތާރީޚީ ގޮތުން ބަލާއިރު، 1949 އާ ހަމައަށް މި މުއައްސަސާއަށް ކިޔަމުން އައީ ވޯރ ޑިޕާޓްމަންޓެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އާމީ، ނޭވީ އަދި އެއަރ ފޯސް އެއްކޮށްލުމާ ގުޅިގެން ކޮންގްރެސްއިން މި ނަން ބަދަލުކުރިއެވެ. ތާރީޚުވެރިން ފާހަގަކުރާ ގޮތުގައި، ނިއުކްލިއަރ ޒަމާނުގައި އެމެރިކާއިން ހަނގުރާމަ ހުއްޓުވުމަށް އިސްކަންދޭކަން ދެއްކުމަށްޓަކައި ”ޑިފެންސް“ މި ނަން ހޮވުނެވެ.
ނަމަވެސް މި ބަދަލު ގެނައުމަކީ ޚަރަދު ބޮޑު ކަމެއްކަން ފާހަގަކުރެވެއެވެ. މި ބަދަލާއެކު ޕެންޓަގަންގައި ތިބޭ އޮފިޝަލުންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކުގައި ބޭނުންކުރާ ބޯޑުތަކާއި ލިޔެކިޔުންތައް އަޕްޑޭޓްކުރަން ޖެހޭނެއެވެ. މިސާލެއްގެ ގޮތުން، ކުރީގެ ރައީސް ބައިޑެންގެ ދައުރުގައި 9 އަސްކަރީ މަރުކަޒެއްގެ ނަން ބަދަލުކުރުމަށް އެކަނި 39 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވުނެވެ.
މި ބަދަލު ގެނައުމަށް ކޮންގްރެސްގެ ހުއްދަ ބޭނުންވާނެއެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީއަށް ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ކުޑަ އަޣްލަބިއްޔަތެއް ލިބިފައިވުމާއެކު، ޕާޓީގެ ކޮންގްރެސް ލީޑަރުން ޓްރަމްޕްގެ މި އިސްނެގުމާ ދެކޮޅުހެދުމުގެ ފުރުސަތު ކުޑަކަމަށް ބެލެވެއެވެ.