ޓެރަރިޒަމް ކަނޑައެޅުމުގައި ދެފުށްކެހެރިކަން: 9/11 އާއި ފަލަސްތީން

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ ތާރީޚުގެ ސަފްޙާތަކުން ފެންނަ ބައެއް ހާދިސާތައް ދުވަހަކުވެސް ހަނދާންނައްތައެއް ނުލެވޭނެ އެވެ. އޭގެތެރެއިން އެއް ހާދިސާއަކީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ބިމުގައި ހިންގި އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އެވެ. މި ހަމަލާގައި 19 މީހަކު މަތިންދާބޯޓުތަކެއް ހައިޖެކްކޮށް އެމެރިކާގެ މުހިންމު އިމާރާތްތަކަކަށް ހަމަލާދީ، ނިއުޔޯކާއި ވޮޝިންގްޓަން، އަދި ޕެންސިލްވޭނިއާއިން 2,977 މީހުން މަރާލި އެވެ.

ސެޕެޓެމްބަރު 11 ގައި ދެ ވަނަ މަތިންދާ ބޯޓު ޓަވަރަށް އަރާ މަންޒަރު.

ސެޕްޓެމްބަރު 11 ގެ ހަމަލާގެ ސަބަބުން އެމެރިކާގެ ބޭރުގެ ސިޔާސަތުތަކާއި އެތެރޭގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އައެވެ. ޓެރަރިޒަމާ ދެކޮޅަށް ބޮޑު ”ހަނގުރާމަ“ އެއް ފެށި އެވެ. އެ ހަމަލާއަށް ފަހު އެމެރިކާއިން ވަނީ އަފްގާނިސްތާނާއި އިރާގުގައި ބޮޑު 2 ހަނގުރާމައެއްކޮށްފަ އެވެ. އަފްގާނިސްތާނަށް އަރާފައިވަނީ އުސާމާ ބިން ލާދިން އާ ދެކޮޅަށެވެ. އިރާގަށް އަރާފައިވަނީ ސައްދާމް ހުސެއިންއަކީވެސް ޓެރަރިސްޓެއްކަމަށް ބުނެ އެވެ. އެގައުމުތަކުގެ އެތަށް ބަޔަކު މި ހަނގުރާމައިގައި މަރުވެގެން ދިޔަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގައި ގާތްގަނޑަކަށް 61,800 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ސެޕްޓެމްބަރު 11 ގެ ހަމަލާގައި މަރުވި އަދަދަށްވުރެ އެތައް ގުނައެއް އިތުރު، ހައިރާންކުރުވަނިވި އަދަދެކެވެ. މުޅި އަވަށްތައް ސުންނާފަތިވެ، ހޮސްޕިޓަލްތަކަށް ބޮންއަޅައި، ހިޖުރަވެރިންގެ ކޭމްޕުތަކަށް ހަމަލާދީ، ކުޑަކުދިން ގިނަ ވަގުތު އަވީގައި ތިބެންޖެހުނެވެ. އެހެންނަމަވެސް، ވޮޝިންގްޓަނުން އިޒްރޭލުގެ މި ޢަމަލުތަކަކީ ޓެރަރިޒަމްގެ ޢަމަލުތަކެއްގެ ގޮތުގައި ސިފައެއް ނުކުރެ އެވެ. ބަދަލުގައި، އެމެރިކާގެ ލީޑަރުން އިޒްރޭލަށް އަސްކަރީ، މާލީ، އަދި ސިޔާސީ އެހީތެރިކަން ދަނީ ދެމުންނެވެ. އަދި އދ. އާއި ބައިނަލްއަޤްވާމީ ކޯޓުތަކުގައި ޖަވާބުދާރީވުމުން އިޒްރޭލް ސަލާމަތް ކުރަނީވެސް އެމެރިކާއިންނެވެ.

މި ފާޅުކަންބޮޑު ތަފާތުތަކުން ވަރަށް މުހިއްމު ސުވާލެއް އުފެދެ އެވެ.

ގައްޒާގެ ހާލަތު: އިމާރާތްތައް ވަނީ ބިމާ ހަމަވެފަ.

ޓެރިޒަމް ކަނޑައަޅަނީ ކޮން ކަމަކުންތޯ، އަދި އެކަން ކަނޑައަޅާ ފަރާތަކީ ކާކުތޯ؟

އެމެރިކާއަށް ސެޕްޓެމްބަރު 11 ގެ ހަމަލާތަކަކީ ”ނުރައްކާތެރި އުދުވާނީ ހަމަލާއެއް“ގެ ގޮތުގައި ސިފަކުރެވުނެވެ. އެކަން ކުރި ފަރާތްތަކަކީ އެއްވެސް ޖެހިލުމެއްނެތި ”ޓެރަރިސްޓުން“ ކަމަށް ބުނެ، އެ ޢަމަލުތައް ދުނިޔޭގެ އެންމެން ކުށްވެރިކުރި އެވެ. ނަމަވެސް، އިޒްރޭލުގެ ބޮންތަކުން ހާހުން ހާހުން ފަލަސްޠީނުގެ އާންމު ރައްޔިތުން ޝަހީދުވަމުން ދާއިރު، މި ވާހަކަ ބަދަލުވެ އެވެ. އެމެރިކާއިން މިއީ އިޒްރޭލުގެ ”ސެލްފް ޑިފެންސް“ ކަމަށް ބުނާއިރު، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ލިބެމުންދާ ވޭނުގެ ބޮޑުކަން ޤަބޫލުކުރަން ދެކޮޅު ހަދަ އެވެ.

މި ތަފާތުތަކުން ދައްކުވައިދެނީ، ޓެރަރިޒަމް ކަނޑައެޅުމުގައި ދެފުށް ދެގޮތް ކަމެވެ. އެއްފަރާތުން ބޮޑެތި ގެއްލުންތައް ލިބި، ގިނަ ބަޔަކު މަރުވާ ޢަމަލުތަކަށް ”ޓެރަރިޒަމް“ ގެ ލަފުޒު ބޭނުންކުރާއިރު، އަނެއް ފަރާތުން ހަމަ އެފަދަ ނުވަތަ އެއަށްވުރެ ބޮޑެތި ޢަމަލުތަކަށް ތަފާތު ނަންތައް ދެ އެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ބޮޑެތި ގައުމުތަކުގެ ޢަދުލުވެރިކަމާއި އިންސާފުގެ މައްޗަށް ވަރަށް ބޮޑަށް ސުވާލު އުފެދިގެންދެ އެވެ. ޓެރަރިޒަމަކީ ހަމައެކަނި ބާރުގަދަ ފަރާތްތަކުން އެމީހުންގެ މަޤްޞަދުތަކަށް ގެއްލުންދޭ ޢަމަލުތަކަށް ދޭ ނަމެއް ކަމަށް ހެދިއްޖެނަމަ، ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަކީ ދަތިކަމަކަށް ވެގެންދާނެ އެވެ. ވުމާއެކު، ޓެރަރިޒަމްގެ މާނަ އެންމެނަށްވެސް ޤަބޫލުކުރެވޭ، ޢަދުލުވެރި އަދި އެއްވެސް ފަރާތަކަށް ތަފާތުނުކުރާ ގޮތަކަށް ކަނޑައެޅުމަކީ މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އދ. ގެ ޖަލްސާތައް ބާއްވާ މާލަން. އދ. އަށްވެސް ވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގާ އަމަލުތައް ހުޓުވަން ނުކުޅެދިފަ.

ކުށެއް ނެތް އާންމު ރައްޔިތުންނަށް ގަސްތުގައި އަނިޔާކުރުމާއި ވަކި ބައެއްގެ މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި މަރާލުމަކީ ޓެރަރިޒަމަށް ވާނަމަ، ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރާލުން ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓު އަމަލަކަށް ނުވަނީ ކީއްވެގެންތޯ؟ ޓެރަރިޒަމްގެ މާނަ ކަނޑައަޅަނީ އަސްކަރީ ބާރު ވަރުގަދަ ފަރާތްތަކުންތޯ؟ މި ސުވާލުތައް މިއަދު އަޅުގަނޑުމެންގެ ހިތްތަކުގައި ގިނަގިނައިން އުފެދެމުންދާނެ އެވެ.

ހުޅަނގުގެ ސިޔާސަތުގައި އިންސާނީ ފުރާނައިގެ އަގު

މި ތަފާތު ދައްކައިދެނީ ވަރަށް ދިގުދެމިގެންދާ ހިތާމަވެރި ހަގީގަތެކެވެ. ދުނިޔޭގެ ނިޒާމުގައި ހުރިހާ ފުރާނައެއްގެ އަގު އެއްގޮތަކަށް ނުބެލެވެ އެވެ. އެމެރިކާގެ ސަރުކާރަށް، 3,000 އެއްހާ އެމެރިކާގެ ރައްޔިތުން މަރުވުމުގެ ސަބަބުން ދިގު މުއްދަތެއްގެ ހަނގުރާމައެއް ކޮށް، ބައެއް ގައުމުތަކުގެ ސަރުކާރު ބަދަލުކޮށް އަދި އެގައުމުގެ އަސްކަރިއްޔާއަށް ޓްރިލިއަނުން ޑޮލަރު ހަރަދު ކުރުން ހައްގުކަމަށް ބެލުނެވެ. ނަމަވެސް، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން މަރުވުން ބެލެވެނީ ހަމައެކަނި ”ކޮލެޓަރަލް ޑެމޭޖް“ ނުވަތަ ”އޮޅިގެން ދެވުނު ހަމަލާއެއް“ ގޮތުގަ އެވެ. މިއީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ބައެއްގެ އަމަލުތައް ހުންނާނެ ގޮތެވެ.

ސެޕްޓެމްބަރު 11 ގައި މަރުވި މީހުންގެ ހަނދާނުގައި ހަދާފައިވާ ފާރެއް. ލިޔެފައިވަނީ އެމީހުންގެ މަތިން ދުވަހަކުވެސް ހަނދާން ނައްތާނުލާނެކަމަށް.

ހިމޭންކަމަކީ ބައިވެރިވުން

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭ ކޮންމެ ފަހަރަކު ބޮޑެތި ބާރުތައް ލޯކަނުވެ އެވެ. ނަމަވެސް ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން އިޒްރޭލަށް އަމާޒުކޮށް އެންމެ ވަޒަނެއް ޖެހިޔަސް އެ ގައުމުތަކުން އެކަން ކުށްވެރިކޮށް އިޒްރޭލުން ފަލަސްތީނުގައި ހިންގާ އަމަލުތަކަކީ އަމިއްލަ ރައްކާތެރިކަމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރެ އެވެ. މިއީ ދެފުށްކެހެރިކަމުގެ އިންތިހާ އެވެ. އަރަބި ބައެއް ގައުމުތަކުވެސް މި މަންޒަރުތައް ބަލަން ތިބީ ހިމޭންކަމުގަ އެވެ. އެއީވެސް ބައިވެރިވުމެކެވެ.

އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދީ، ސިޔާސީ އެހީތެރިކަން ދިނުމަކީ، އިންސާނީ އެހީދޭ ޖަމިއްޔާތަކުން 21 ވަނަ ގަރުނުގެ އެންމެ ނުރައްކާތެރި ހަނގުރާމައެއް ކަމަށް ސިފަކުރާ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އެމެރިކާއާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އެހީތެރިވުމެވެ.

އިޒްރޭލު ސިފައިން ފަލަސްތީނުގައި.

ސެޕްޓެމްބަރު 11 ނުވަތަ 9/11 ގެ ހަމަލާއަކީ ކުށެއް ނެތް އާންމު ރައްޔިތުންތަކަކާ ދެކޮޅަށް ހިންގި ޓެރަރިސްޓް އަމަލެއްގެ ގޮތުގައި އެމެރިކާއިންނާއި ދުނިޔެއިން ހަނދާން އާ ކުރަމުން އަންނައިރު، ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކަކީ 9/11 އަށްވުރެ މާ ބޮޑު ދަރަޖައަކަށް، ޓެރަރިސްޓް އަމަލުތަކެއްގެ ގޮތުގައި ގަބޫލު ކުރަން ޖެހެ އެވެ. އިންސާފަކީ ވަކި ގައުމަކަށް، ވަކި ދީނަކަށް، ވަކި ކުލަޔަކަށް، ވަކި ބައްރަކަށް ނިސްބަތްވުމުން ލިބޭ އެއްޗަކަށް ވެގެން ނުވާނެ އެވެ.

އިޒްރޭލް އެމެރިކާ ފަލަސްތީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ