އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސް (ޑީއޯޑީ)ގެ ނަން ”ޑިޕާޓްމެންޓް އޮފް ވޯ“ އަށް ބަދަލުކޮށްފި އެވެ.
މި ނިންމުން ނިންމަވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ ރިޔާސީ އަމުރުގައި ސޮއިކުރައްވާފަ އެވެ. ޑިޕާޓްމެންޓް އޮފް ޑިފެންސްގެ ނަން ”ޑިޕާޓްމެންޓް އޮފް ވޯ“ އަށް ބަދަލުކުރީ ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލައި އެ ނަމަކީ އެންމެ އެކަށޭނަ ނަމަށްވާތީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
”ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލައި، މިއީ އެންމެ އެކަށޭނަ ނަންކަމަށް ދެކެނީ. އެމެރިކާގައި މިއޮތީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާ.“ ޓްރަމްޕް ވިދާޅުވި އެވެ.
މި ނިންމުމާ ގުޅިގެން ޑިޕާޓްމެންޓް އޮފް ޑިފެންސްގެ ނަން ”ޑިޕާޓްމެންޓް އޮފް ވޯ“ އަށް، ސެކްރެޓަރީ އޮފް ޑިފެންސްގެ ނަން ”ސެކްރެޓަރީ އޮފް ވޯ“ އަށް ވަނީ ބަދަލުވެފަ އެވެ.
ޓްރަމްޕްގެ މި ނިންމެވުމާއެކު ނަން ބޯޑުތައް ބަދަލުކުރުމުގެ ކަންކަން ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި ޑީއޯޑީގެ ވެބްސައިޓުގެ ނަންވެސް ވަނީ ވޯ.ގޮވް އަށް ބަދަލުކޮށްފަ އެވެ.
ދުނިޔޭގެ ބޮޑު ބާރުތަކުގެ ވެރިން މިފަހުން ޗައިނާގައި، ޗައިނާގެ ރައީސްއާ އެކު އެ ގައުމުގެ ވިކްޓްރީ ޑޭގެ ހަރަކާތްތަކުގައި ބައިވެރިވުމުންވެސް ޓްރަމްޕް ވަނީ ނުސީދާކޮށް އެކަމަށް ރައްދުދެއްވާފަ އެވެ. އަދި އެމެރިކާއާ ދެކޮޅު ރޭވުންތައް ރާވާ ކަމަށް ތުހުމަތުކުރެއްވި އެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތަކީ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ހައްލުކުރުމުގެ މަސައްކަތެކެވެ. އެގޮތުން މިފަހުން ޓްރަމްޕް ވަނީ އެމެރިކާގައި ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕޫޓިންއާވެސް ބައްދަލުކުރައްވާފަ އެވެ.