އޮސްޓްރޭލިއާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފި އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވެފައިވަނީ، ސެޕްޓެމްބަރު މަހު އޮންނަ އ.ދގެ އާންމު މަޖިލީހުގައި އޮސްޓްރޭލިއާއިން ރަސްމީކޮށް ފަލަަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށެވެ.
އަލްބަނީޒް ވިދާޅުވެފައިވަނީ ”ޓޫ ސްޓޭޓް ސޮލިއުޝަން“ އަކީ މެދުއިރުމަތީގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް އޮތް އުންމީދު ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތާއި ބަނޑުހައިހޫނުކަމުން ސަލާމަތްވާންވެސް އޮތީ އެމަގުން ކަމަށެވެ.
އޮސްޓްރޭލިއާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައިވާކަން ހާމަކޮށްފައިވާއިރު، ކެނެޑާ، ފްރާންސް، އިނގިރޭސިވިލާތް ނޯވޭ، އަޔަލޭންޑް އަދި ސްޕެއިނުންވެސް ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފަ އެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން މި ނިންމުން ނިންމާފައިމިވަނީ، އެގައުމުގައި އެތައް ހާސް ބަޔަކު، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރިތާ ހަފްތާއެއް ފަހުންނެވެ.
އ.ދގައި ހިމެނޭ 193 މެންބަރު ޤައުމުގެ ތެރެއިން 147 ޤައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެވެ.
