އެމެރިކާގެ ދެ ޕާޓީގެ ނިޒާމަށް ގޮންޖަހައި، ތިން ވަނަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޓެސްލާ އަދި ސްޕޭސްއެކްސްގެ ވެރިޔާ އީލަން މަސްކް ފައްޓަވައިފި އެވެ.
އެމެރިކާ ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ބިލިއަނަރ މަސްކް ފެއްޓެވީ އެމެރިކާގެ މިނިވަން ދުވަހު، ޓްރަމްޕް އޭނާގެ ”ވަން ބިގް، ބިއުޓިފުލް ބިލް“ ގައި ސޮއިކުރެއްވުމާއި ގުޅިގެންނެވެ. އެ ބިލަކީ މަސްކް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ބިލެކެވެ.
އެ ބިލްގައި ޓްރަމަޕް ސޮއިކުރެއްވުމާއެކު އޭނާގެ މުހިންމު ސަޕޯޓަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މަސްކް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި، އެމެރިކާގެ ”ދެ ޕާޓީގެ ނިޒާމަށް“ ގޮންޖަހައި، ”އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަން އަނބުރާ ގެނައުމަށް“ މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މި އިއުލާނާއެކު މަސްކް ވަނީ މިނިވަންކަމުގެ ދުވަހު އެމެރިކާގެ ރައްޔިތުން ދެ ޕާޓީގެ ނިޒާމުން މިނިވަންވާން ބޭނުންތޯ އަހާ ޕޯލެއް ހިއްސާކުރައްވާފަ އެވެ. 1.2 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވި މި ޕޯލްގައި ތިންބައިކުޅަ ދެބައި މީހުން ވަނީ އައު ޕާޓީއަކަށް ތާއީދުކޮށްފަ އެވެ. ”ތިޔަ ބޭނުންވާ ގޮތް ވާނެ!“ މަސްކް ވަނީ ނަތީޖާއަށް އިޝާރާތްކުރައްވާ ލިޔުއްވާފަ އެވެ.
ޓްރަމްޕްގެ ސަރުކާރުގެ ހަރުދަނާކަމުގެ ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި މަސްކް ވަނީ ބަޖެޓް ޤާނޫނަށް ގަދައަޅާ ދެކޮޅުހައްދަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބިލުގެ ސަބަބުން އެމެރިކާ ބަނގުރޫޓުވެ، ކުރިއަށް އޮތް 10 އަހަރު ތެރޭގައި ދަރަނި 3.4 ޓްރިލިއަން ޑޮލަރަށް އިތުރުވާނެ އެވެ.
2024 ވަނަ އަހަރުގެ ޓްރަމްޕްގެ ކެމްޕޭންގެ މައިގަނޑު ފައިނޭންސަރެއްގެ ގޮތުގައި ހުރުމަށްފަހު، މަސްކް ޓްރަމްޕާ ދުރުވުމަކީ ސިޔާސީ މައިދާނުގައި ފާހަގަކުރެވޭ މުހިއްމު ބަދަލެކެވެ. އެމެރިކާ ޕާޓީ އުފެއްދެވުމާއެކު، މަސްކް ވަނީ ބިލަށް ތާއީދުކުރި ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުން ވަކިކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފަ އެވެ.
އެމެރިކާގައި މިހާރު އޮންނަނީ މަައިގަނޑު ދެ ސިޔާސީ ޕާޓީއެކެވެ. އެއީ ޑިމޮކްރެޓްސްއާ ރިޕަބްލިކަން އެވެ. އެމެރިކާގެ ވެރިކަން މިހާތަނަށްކޮށްފައިވަނީވެސް އެ ޕާޓީން އެކަނި އެވެ.