ޕާކިސްތާނާއި އިންޑިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމަވެރި ޙާލަތާ ގުޅިގެން، ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ އެކު ގަލްފް އެއާލައިންތަކުން ދެކުނު އޭޝިއާއަށް ކުރާ ގިނަ ދަތުރުތައް މެދުކަނޑާލައިފި އެވެ.
މި ގޮތުން އިއްތިހާދު، އެމިރޭޓްސް، އަދި ގަތަރު އެއާވޭސް ހިމެނޭ ގޮތަށް ދުބާއީ، އަބޫދާބީ އަދި ދޯހާ އެއާޕޯޓްތަކުން އިންޑިއާއާއި ޕާކިސްތާނުގެ އެއާޕޯޓްތަކަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ. ޚާއްޞަކޮށް ދުބާއީން ޕާކިސްތާނުގެ ސިއަލްކޯޓް، ލާހޯރު، އިސްލާމްއާބާދު އަދި ޕެޝަވާރު ފަދަ މަންޒިލްތަކަށް ކުރާ ދަތުރުތައް ވަނީ މުޅިން ހުއްޓާލާފަ އެވެ.
ގަތަރު އެއާވޭސްއިން ބުނެފައިވާ ގޮތުގައި، އެ އެއާލައިނުން ޕާކިސްތާނަށް ކުރާ ދަތުރުތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އަދި އިންޑިއާގެ އުތުރުގެ އެއާޕޯޓްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް ހާލަތު ރަނގަޅަށް ބެލުމަށްފަހު ދަތުރު ރޭވުމަށް އިލްތިމާސްކޮށްފައިވެ އެވެ.
މި ހާލަތު މިހާ ގޯސްވެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ފަރާތުގައި ހިނގި ހަމަލާއެއްގައި އިންޑިއާގެ 25 މީހުންނާއި ނޭޕާލްގެ އެއް މީހަކު މަރުވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުން އިތުރުވެ، އެކަކު އަނެކަކަށް ހަމަލާ ދޭން ފަށާފައިވެ އެވެ.
އެއާއެކު ހާލަތު އިތުރަށް ގޯސްވެފައިވަނީ އިންޑިއާއާ ޕާކިސްތާންއާ ދެމެދު އުފެދުނު ހަމަނުޖެހުންތަކުގައި ދެ ޤައުމުން ހަމަލާތައް ބަދަލުކުރަން ފެށުމުންނެވެ. އެގޮތުން ދެ ޤައުމުންވެސް ދަނީ މިހާރު، އެއް ޤައުމު އަނެއް ޤައުމަށް ބޮން އަޅައި، ގިނަ ހަމަލާތަކެއް އަމާޒުކުރަމުންނެވެ. ބުދަ ދުވަހު އިންޑިއާ އިން ދިން ހަމަލާތަކުގައި އެކަނިވެސް ޕާކިސްތާނުގެ 30 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. އަދި އޭގެފަހުން ޕާކިސްތާނުންވެސް ވަނީ އެ ޤައުމަށް ދިފާއުގައި ހަމަލާދިނުމުގެ ހައްޤު ލިބިގެންވާކަމަށް ބުނެ، އިންޑިއާގެ އަސްކަރީ އަމާޒުތަކަށް ގިނަ ހަމަލާތަކެއްދީފަ އެވެ. އެ ހަމަލާތަކުގައި އިންޑިއާގެ އަސްކަރިއްޔާގެ ބައެއް އޮފިސަރުން މަރުވެފައިވާއިރު، ދެ ޤައުމުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ގިނަ ހަމަލާތަކެއް މިހާތަނަށް ނާކާމިޔާބުކޮށްލާފައިވެ އެވެ.