ކަޝްމީރުގެ އިންޑިއާ ފަޅީގައި ހުރި ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 9 މީހުން މަރުވެއްޖެ އެވެ.
ބޭރު މީޑިއާތަކުން ބުނެފައިވަނީ މި ގޮވުމުގެ ސަބަބުން 9 މީހުން މަރުވެ 30 މީހަކަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށެވެ.
ޕޮލިސް ސްޓޭޝަންގައި އެއްޗެއް ގޮވީ މީގެކުރިން އަތުލައިގަނެފައިވާ ގޮވާ އެއްޗެހިތަކެއްގެ ތަހުލީލު ހެދުމަށް ފޮރެންސިކް އިންވެސްޓިގޭޝަން ކުރިއަށް ގެންދަނިކޮށް ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މި ގޮވުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ފޮރެންސިޓް ޓީމުގެ މީހުންނާއި ފުލުހުން ހިމެނެ އެވެ.
މި ގޮވުމުގެ ހާދިސާގައި އަނިޔާވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށާއި އަދި މަރުވި މީހުންގެ އަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހުރި ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއްގޮވާ ބަޔަކު މަރުވެފައިވާއިރު މިފަހުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ތާރީހީ ބިނާއެއް ކަމަށްވާ ރެޑް ފޯޓް ކައިރީގައި ބޮމުގެ ހަމަލާދިނުމުގެ ސަބަބުން 12 މީހުން މަރުވެފައިވެ އެވެ. މި ހަމަލާގެ ކުރިން އިންޑިއާ ސިފައިން ވަނީ ބޮމުގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި 3000 ކިލޯގެ ގޮވާސާމާނާއި ގިނަ އަދަދެއްގެ ހަތިޔާރާއެކު ބަޔަކު ހައްޔަރުވެސް ކޮށްފަ އެވެ.
