ޣައްޒާގެ އެންމެހައި ބަންދީން މިނިވަން ނުކޮށްފިނަމަ ”ނޭދެވޭ ނަތީޖާތަކެއް“ ކުރިމަތިވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފި އެވެ.
މި އިންޒާރު އައިސްފައިވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ތަކުރާރުކޮށް ހިލާފުވުމާއި ގުޅިގެން ބަންދީން ދޫކުރުން ހުއްޓާލައިފިކަމަށް ހަމާސްއިން އިޢުލާނުކުރުމަށް ފަހުގަ އެވެ.
”ހޮނިހިރު ދުވަހުގެ މެންދުރު 12:00 އަށް ޣައްޒާގެ އެންމެހައި ބަންދީން މިނިވަން ނުކޮށްފިނަމަ، ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ބާޠިލުކުރުމަށް އަޅުގަނޑު ހުށަހަޅާނަން،“ ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވަނީ މިއީ އިސްރާއީލުގެ އިޚްތިޔާރުގައިވާ ކަމެއްކަން ފާހަގަކުރައްވާފަ އެވެ.
އިސްރާއީލުން ޣައްޒާގައި ހިންގާފައިވާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން އެސަރަޙައްދުގެ ގިނަ ބައިތަކަކީ މިހާރު މީހުން ދިރިއުޅެން ނުކުޅެދޭ ތަންތަނަށް ވެފައިވާކަން ޓްރަމްޕް ވަނީ ފާހަގަކުރައްވާފަ އެވެ. މިކަމާ ގުޅިގެން އޭނާ ވިދާޅުވެފައިވަނީ ޣައްޒާގެ ރައްޔިތުން ”އަލުން އާބާދުކުރަންޖެހޭނެ“ ކަމަށެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ތެރޭގައި ގެދޮރު ހަލާކުކުރުމާއި، ޞިއްޙީ މަރުކަޒުތަކަށް ހަމަލާދިނުމާއި، އަސާސީ ޚިދުމަތްތައް ކަނޑާލުން ހިމެނެ އެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ވަނީ އެސަރަޙައްދު ދޫކޮށް ފުރައިގެން ދިއުން ނޫން އެހެން ގޮތެއް ނެތް ހިސާބަށް ގޮސްފަ އެވެ.
ޓްރަމްޕް ވަނީ ޢާއްޒާގެ ރައްޔިތުން، އެ މީހުންގެ ބިމުން ނެރިލާ، އެ ބިމަށް އެމެރިކާއިން ވެރިވެގަންނާނެކަންވެސް ހާމަކޮށްފަ އެވެ.