އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގެ 47 ވަނަ ރައީސްކަމުގެ ހުވާ މިރޭ ކުރައްވާނެ ކަމަށް އިޢުލާނުކޮށްފި އެވެ.
މި ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 10:00 އަށެވެ.
އެމެރިކާގެ 45 ވަނަ ރައީސްކަންވެސް ކުރެއްވި ޓްރަމްޕް، މިފަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ ކެޕިޓަލް ބިލްޑިންގ ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގައެވެ. މިގޮތަށް ނިންމާފައިވަނީ މިހާރު އެމެރިކާއަށްވެސް ފިނި މޫސުމަކަށް ވެފައިވާތީއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިހާރުގެ ރައީސް ޖޯ ބައިޑަން އަދި ނައިބު ރައީސް ކަމަލާ ހެރިސްގެ އިތުރުން އެ ޤައުމުގެ ކުރީގެ ރައީސުންނަށްވެސް ޓްރަމްޕް ވަނީ ދަޢުވަތު ދެއްވާފައެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގ، އާޖެންޓީނާގެ ރައީސް ހާވިއަރ މިލެއީ އަދި އިޓަލީގެ ޕްރައިމް މިނިސްޓަރ ޖޯޖިއާ މެލޯނީ ފަދަ ބައިނަލްއަޤްވާމީ ލީޑަރުންނަށްވެސް ދަޢުވަތު ދެއްވާފައިވެއެވެ.
މީގެ އިތުރުން، އީލޮން މަސްކް، މާކް ޒަކަބާގް އަދި ޓިކްޓޮކްގެ ސީއީއޯ ޝައު ޒީ ޗީވް އަށްވެސް ޚާއްޞަ ދަޢުވަތެއް ދެއްވާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހު ގާތްގަނޑަކަށް 100 އެއްހާ އެގްޒެކެޓިވް އޯޑަރުގައި ސޮއިކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޓްރަމްޕް ވަނީ ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އެ އޯޑަރުތަކުގެ ތަފްޞީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ.