އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުރާޖަޢާއަކަށް ފުރުޞަތު ދިނުމަށްޓަކައި ފަސްކޮށްފިއެވެ.
ބީބީސީއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމަށް ހޯމަ ދުވަހު ޓްރަމްޕް މަޤާމާ ހަވާލުވުމުގެ ކުރިން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ބުދަ ދުވަހުގެ ރޭ އިނގެރޭސިވިލާތުގެ މިނިސްޓަރުން ބަދަލުވެފައިވެ އެވެ. އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން މަޢުލޫމާތު ދީފައިވަނީ އަލަށް އަންނަ ޓްރަމްޕްގެ ސަރުކާރުން މިހާރު މި އެއްބަސްވުން ”ވިސްނާ ބަލާނެ“ ކަމަށެވެ.
އޮކްޓޯބަރު މަހު އިނގެރޭސިން އިޢުލާންކުރީ އިންޑިއާ ކަނޑުގައި އޮންނަ މި ޖަޒީރާތަކުގެ ސިޔާދަތު ދޫކޮށްލާނެ ކަމަށެވެ. އެހެންނަމަވެސް އެންމެ ބޮޑު ރަށްކަމުގައިވާ ޑިއެގޯ ގާސިއާގައި ހުރި ބޭސް 99 އަހަރުގެ ކުއްޔަށް ހިފުމުގެ އެއްބަސްވުމެއްގެ ދަށުން އެ ޤައުމުގެ ބާރުގެ ދަށުގައި ބޭއްވުމަށް ނިންމާފައިވެ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން މި އެއްބަސްވުމަށް ތާއީދުކުރައްވާފައިވީ ނަމަވެސް، އަލަށް އިންތިޚާބުވި ރައީސް ޓްރަމްޕް މިކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް އަލަށް އިންތިޚާބުވި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ މި އެއްބަސްވުމަކީ ”ސީރިއަސް ނުރައްކަލެއް“ ކަމަށް ވިދާޅުވެފައިވެއެވެ.
އިނގެރޭސިވިލާތުގެ އިދިކޮޅު ޕާޓީގެ ފޮރިން ސެކްރެޓަރީ ޕްރިތީ ޕަޓެލް ވިދާޅުވެފައިވަނީ މި އެންމެ ފަހުގެ ކުރިއެރުމަކީ ބޮޑުވަޒީރަށް ”ފުރިހަމަ ނިކަމެތިކަމެއް“ ކަމަށެވެ. އެހެންނަމަވެސް ބޮޑުވަޒީރު ސަރ ކީރ ސްޓާމަރ މި އެއްބަސްވުން ދިފާޢުކުރައްވައި، މިއީ އަސްކަރީ ބޭސް ރައްކާތެރިކުރުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެފައިވެއެވެ.
މި އެއްބަސްވުމާ ގުޅިގެން މޮރިޝަސްގެ ބޮޑުވަޒީރު ނަވިން ރަމްގޫލަމް ބުދަ ދުވަހު ކެބިނެޓް ބައްދަލުވުމަށް ވަޑައިގެން އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް، ފަހުން އިޢުލާންކުރެވުނު ގޮތުގައި އެމަނިކުފާނުގެ އެޓަރނީ ޖެނެރަލް ލަންޑަނަށް ދަތުރުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.
