ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ 9 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަން ކުރުމަށްފަހު، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މަޤާމުން އިސްތިއުފާދޭނެ ކަމަށް ހޯމަ އިޢުލާނުކޮށްފި އެވެ.
ޓްރޫޑޯ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީން އައު ލީޑަރެއް އިޚްތިޔާރުކުރަންދެން އޭނާ ބޮޑުވަޒީރުކަމާއި ލިބަރަލް ޕާޓީގެ ލީޑަރުކަމުގައި ދެމިހުންނާނެ ކަމަށް މިދިޔަ ހޯމަ ދުވަހު ހާމަކޮށްފަ އެވެ.
އޭނާ އިތުރަށް ހާމަކުރެއްވީ ޕާލިމަންޓްގެ މަސައްކަތްތައް މާރިޗު 24 އާ ހަމައަށް މެދުކަނޑާލެވޭނެ ކަމަށެވެ.
އެ ގައުމުގައި ދެން އިންތިހާބެއް ބޭއްވޭނީ މޭ މަހުގެ ތެރޭގައިކަމަށް ބެލެވެ އެވެ. އެހެންކަމުން ޓްރޫޑޯ ދެމިހުންނާނީ ޖެނުއަރީ 20 ގައި އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމާ ޙަވާލުވުމަށްފަހު ދިމާވެދާނެ ނުރައްކާތެރި ޓެރިފްތަކާ ކުރިމަތިލުމުގެ މަސްއޫލިއްޔަތު އަދާކުރުމުގަ އެވެ.
ޤާނޫނީ ގޮތުން ދެން އޮތް އިންތިޚާބު ބާއްވަންޖެހޭނީ އޮކްޓޯބަރު 20 ގެ ކުރިންނެވެ.
ދިރާސާތަކުން ދައްކާގޮތުގައި، އަގުތައް މައްޗަށް ދިއުމާއި އަތްފޯރާފަށުގެ ގެދޮރު މަދުވުމާ ގުޅިގެން ނުރުހުން ފާޅުކުރާ ވޯޓަރުން ވޯޓުދޭނީ އިދިކޮޅު ކޮންސަރވޭޓިވް ޕާޓީއަށެވެ. އަދި ލިބަރަލް ޕާޓީއަށް ލިބޭނީ ފާހަގަކޮށްލެވޭ ބަލިކަށިކަމެކެވެ.
ލިބެރަލް ޕާޓީގެ ލީޑަރުގެ ޙައިޞިއްޔަތުން ފާއިތުވި ނުވަ އަހަރު ކެނެޑާގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވީ ޓްރޫޑޯއެވެ. ޢުމުރުން 53 އަހަރުގެ ޓްރޫޑޯ ކެނެޑާގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތީ 2015ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެެވެ. އޭގެ ފަހުން ބޭއްވި ދެ އިންތިޚާބު ވެސް އޭނާ ވަނީ ކާމިޔާބު ކުރައްވައިފައެވެ. އެއާއެކު އޭނާ ވެގެން ގޮސްފައި ވަނީ ކެނެޑާގައި އެންމެ ގިނަ ދުވަސް ވަންދެން ވެރިކަން ކުރެއްވި ބޮޑުވަޒީރުންގެ ތެރެއިން އެކަކަށެވެ.