އެމެރިކާގެ 39 ވަނަ ރައީސް، ޖިމީ ކާޓާ، އުމުރުފުޅުން 100 އަހަރުގައި އިއްޔެ މެންދުރުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.
ޖިމީ ކާޓާ އަވަހާރަވިކަން ހާމަކޮށްފައިވަނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ދި ކާޓާ ސެންޓަރުންނެވެ. ޖިމީ ކާޓާ އަވަހާރަވެފައިވަނީ އޭނާގެ ގެކޮޅުގަ އެވެ.
1977 އިން 1981 އަށް ރައީސްކަން ކުރެއްވި ކާޓާ އަވަހާރަވެފައިވަނީ އޭނާގެ 100 ވަނަ އުފަންދުވަސް ފާހަގަކުރިތާ ދެމަސް ފަހުންނެވެ. އެމެރިކާގެ ރައީސްކަމާ ހަވާލުވުމުގެ ކުރިން ޖިމީ ކާޓާއަކީ ދަނޑުވެރިއެކެވެ. ވެރިކަމުގެ އެއް ދައުރު ހޭދަ ކުރުމަށްފަހު ޖެހިގެން އައި އިންތިހާބުގައި ނާކާމިޔާބުވުމުން ޖިމީ ކާޓާ ވަނީ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް އެ ހިދުމަތުގަ އެވެ.
އިންސާނިއްޔަތަށް ކުރެއްވި އަގުހުރި ހިދުމަތްތަކާއި ގުޅިގެން ނޮބެލް ޕީސް ޕްރައިޒް ހާސިލް ކުރައްވާފައިވާ ކާޓާ އަށް ޖެހިވަޑައިގެން ބައްޔަކަށް ފަރުވާހޯއްދެވުން ހުއްޓާލައްވައި، ހޮސްޕައިސް ކެއާ ހޯއްދަވަން ފެއްޓެވީ މިދިޔަ އަހަރުއެވެ. ނަމަވެސް، އެބޭފުޅާއަށް ޖެހުނީ ކޮން ބައްޔެއްކަން ހާމަކޮށްފައެއް ނުވެއެވެ.
”އަހަރެން ގަބޫލު ކުރަނީ، މިއީ އިހުތިޔާރީ ކަމެއް ނޫން، އަހަރެން ގަބޫލު ކުރަނީ އަހަރެންނަށް ކުރެވެން އޮތް ކޮންމެ ކަމެއް، އަހަރެން ހުރި ކޮންމެ ތަނެއްގައި، ކުރެވެން އޮތް ކޮންމެ ވަގުތެއްގައި، ކުރެވެން އޮތްހާ ދުވަހަކު، ތަފާތު ގެންނަން މަސައްކަތް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށް“ ކާޓާ މީގެ ކުރިން ވިދާޅުވި ބަސްފުޅެއް.
ކާޓާ އަވަހާރަވުމާއި ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އަނބިކަބަލުން، ފަސްޓް ލޭޑީ، ޖިލް ބައިޑަން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ކާޓާގެ އަވަހާރަވުމާއެކު، އެމެރިކާ އަދި ދުނިޔެ ވަނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރެއްވި އަދި ސުލްހައަށް މަސައްކަތް ކުރެއްވި މަތިވެރި ލީޑަރެއް ގެއްލިފައެވެ.