ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުނީ ލެބޯރަޓަރީއަކުން ވައިރަސް ބޭރުވުމުގެ ސަބަބުން ކަމަށް ދިރާސާތަކުން އަންދާޒާކޮށްފި އެވެ.
އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީއަކުން މި ހޯދުން ހާމަކޮށްފައިވަނީ ހޯމަ ދުވަހު ނެރުނު 520 ޞަފްޙާގެ ރިޕޯޓެއްގަ އެވެ.
ރިޕަބްލިކަނުން ކޮންޓްރޯލްކުރާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ކޮރޯނާވައިރަސް ކްރައިސިސްއާ ބެހޭ ސެލެކްޓް ސަބް ކޮމިޓީން ބުނެފައިވަނީ، ކޮރޯނާވައިރަސް ފެތުރުނީ ލެބޯޓަރީއެއްގައި ނުވަތަ ދިރާސާއަކާ ގުޅިގެން ހިނގި ހާދިސާއެއްގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މި ރިޕޯޓަކީ ދެ އަހަރުގެ މަސައްކަތުން އެކުލަވާލެވުނު ރިޕޯޓެކެވެ.
ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެން.އައި.އެޗް) އިން ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ހިންގި ”ގެއިން އޮފް ފަންކްޝަން“ ދިރާސާތަކަށް ފައިސާ ދީފައިވާ ކަމަށެވެ. މިއީ ވައިރަސްތައް ހަރުދަނާކޮށް، އެ ވައިރަސްތަކާ ދެކޮޅަށް ހަނގުރާމަކުރާނެ ގޮތްތައް ހޯދުމަށް ކުރެވުނު ދިރާސާތަކެކެވެ.
”މި މަސައްކަތުން އެހީތެރިވެދޭނީ އެމެރިކާއަށާއި، މުޅި ދުނިޔެއަށް ކުރިއަށް އޮތް ބަލިމަޑުކަން ލަފާކުރުމަށާއި، ކުރިއަށް އޮތް ބަލިމަޑުކަމަށް ތައްޔާރުވުމަށާއި، ކުރިއަށް އޮތް ބަލިމަޑުކަމުން އަމިއްލަ ނަފްސު ރައްކާތެރިކުރުމަށާއި، އަދި އުއްމީދުކުރެވޭ ގޮތުގައި ކުރިއަށް އޮތް ބަލިމަޑުކަން ހުއްޓުވުމަށެވެ،“ ޕެނަލްގެ ރިޕަބްލިކަން ޗެއަރމަން ބްރެޑް ވެންސްޓްރަޕް، ކޮންގްރެސްއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވެއެވެ.
މި ތަޙްޤީޤުގެ ބައެއްގެ ގޮތުން، ރިޕަބްލިކަނުން ކޮންޓްރޯލްކުރާ ކޮންގްރެޝަނަލް ޕެނަލްގެ މެންބަރުން ދެ ދުވަހުގެ މުއްދަތަކަށް އެންތަނީ ފައުޗީއާ އިންޓަވިއުކުރި އެވެ. ފައުޗީއަކީ ބަލިމަޑުކަަލިމަޑުކަމުގެ ފުރަތަމަ ދުވަސްތަކުގައި ޞިއްޙީ ދާއިރާގެ މެސެޖުތައް އާންމުންނަށް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ސަރުކާރުގެ ސައިންޓިސްޓެކެވެ.
މި ތަޙްޤީޤުން އިތުރަށް ހޯދުނު ގޮތުގައި ލޮކްޑައުންތަކުން ’ފައިދާއަށްވުރެ ގެއްލުން ބޮޑުވި‘ އަދި މާސްކު އެޅުމުގެ މަޖުބޫރުކަން ’ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ނުބައްދަލު‘ ކަމަށް ފާހަގަކޮށްފައިވެ އެވެ. މިއީ އާންމު ތަންތަނުގައި މާސްކު އެޅުމުން ބަލި ފެތުރޭ މިންވަރު މަދުކުރެވޭކަން ދައްކުވައިދޭ ކުރީގެ ދިރާސާތަކާ ޚިލާފު ހޯދުމެކެވެ.
ރިޕަބްލިކަނުން ތުހުމަތުކުރަނީ 54 އަހަރު އެން.އައި.އެޗްގައި މަސައްކަތްކުރުމަށްފަހު 2022 ގެ ޑިސެމްބަރުގައި ރިޓަޔަރކުރި ޑރ. އެންތަނީ ފައުޗީއަކީ ޗައިނާގެ ސައިންޓިސްޓުންނަށް ފައިސާ ދިނުމަށް ހުއްދަދީގެން ސަތޭކަ އަހަރުގެ ތެރޭގައި ދިމާވި އެންމެ ނުރައްކާތެރި ބަލިމަޑުކަން ފެތުރުމަށް ޒިންމާވާންޖެހޭ ފަރާތް ކަމަށެވެ. އެ ސައިންޓިސްޓުން ކޯވިޑް-19 ގެ ސަބަބުކަމުގައިވާ ސާރްސް-ކޯވް-2 ވައިރަސް އުފެއްދި ކަމަށް ރިޕަބްލިކަނުން ޤަބޫލުކުރެ އެވެ.
”ކޮންސްޕިރަސީއަކީ އެ މައުޟޫއާ ގުޅޭގޮތުން ގެނެވޭ އޮޅުވާލުންތަކެއް. މިސާލަކަށް، އެއީ ލެބަކުން ލީކުވި އެއްޗެއް ކަމަށާއި، އަޅުގަނޑު ޖޭސަން ބޯން ފަދައިން ސީ.އައި.އޭ އަށް ޕެރަޝޫޓުން ފައިބައި، ލެބް ލީކާ ބެހޭގޮތުން ވާހަކަ ނުދައްކަން ސީ.އައި.އޭ އަށް ބުނިން ކަމަށް ބުނުން ފަދަ ކަންކަމެއް“ ފައުޗީ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ފުރަތަމަ ކޭސްތައް ފެނިގެން ދިޔައީ 2019 ވަނަ އަހަރު ސެންޓްރަލް ޗައިނާގެ ހުބޭއީ ޕްރޮވިންސްގެ ވޫހާންގައި ކަމަށް ގަބޫލުކުރެވެ އެވެ. ވައިރަސްގެ އަސަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ އެވެ. މިކަމުގެ ސަބަބުން 7 މިލިއަން މީހުންގެ ފުރާނަ ގެއްލި، ހުރިހާ ގައުމެއްގައި ލޮކްޑައުންގެ އަމުރު ނެރުމާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިގެން ދިޔަ އެވެ.