އިންޑިއާގައި މަޑުކޮށްގެން ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހޯއްދަަވަން ބަންގްލަދޭޝްއިން އިންޓަޕޯލްއަށް ހުށަހަޅައިގެން ރެޑް ނޯޓިސްއެއް ނެރޭނެ ކަމަށް ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކުރިގޮތުގައި ހަސީނާ ހޯދަން ބަންގްލަދޭޝް އިން އިންޓަޕޯލް އަށް އެދުނީ އޮގަސްޓް މަހުގައި ބަންގްލަދޭޝްގައި ކުރި މުޒާހަރާތަކެއްގައި ހަސީނާގެ އަމުރަށް ސިފައިންގެ އަތްދަށުން 1000 ވަރަކަށް މީހުންގެ ފުރާނަ ގެއްލުމާއި ގުޅިގެން ނެވެ. މި މައްސަލައާއި ގުޅިގެން ހަސީނާއާއި އޭނާގެ ސަރުކާރުގެ އެކި ލީޑަރުން ހައްޔަރުކޮށް، ޝަރީއަތް ކުރުމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން މަސައްކަތް ކުރަމުން އެބަދެ އެވެ. މި މައްސަލައިގައި ބަންގްލަދޭޝްއިން ނުފިލާ ލީޑަރުންތަކެއް މިހާރުވެސް ވަނީ ބަންގްލަދޭޝް ސަރުކާރުން ހައްޔަރުކޮށްފަ އެވެ. ހަސީނާ ބަންގްލަދޭޝްއިން ފިލީ އޮގަސްޓް މަސް ތެރޭގައި ބަންގްލަދޭޝްްގެ އާންމުންގެ ގިނަ ބަޔަކު އޭނާ އިންނެވި ރިޔާސީ ގެކޮޅަށް ގަދަބާރުން ވަނުމުގެ ސަބަބުން ނެެވެ. އެ ހާދިސާ ހިނގި ގަޑީގައި ހަސީނާ ވަނީ ހެލިކޮޕްޓަރެއް ބޭނުންކޮށްގެން އިންޑިއާއަށް ވަޑައިގެންފަ އެވެ.
ހަސީނާ ހައްޔަރުކުރުމަށް އަމުރެއް ނެރެފައިވީ ނަމަވެސް އެ ނޫން އެހެން ފަރާތެއްގެ ނަމެއް ބަންގްލަދޭޝްއިން އަދި ހާމަކޮށްފައިނުވެ އެވެ. އޭގެ ތެރޭގައި ހިމެނޭ 60 މީހުންގެ ތެރެއިން 25 މީހުން މިހާތަނަށް ހައްޔަރުކޮށްފައި ވެއެވެ. އިދިކޮޅު ސިޔާސީ ލީޑަރުން ނުހައްގުން ހައްޔަރުކުރުމުގެ ތުހުމަތު ހަސީނާގެ މައްޗަށް ބަންގްލަދޭޝް ސަރުކާރުން ކޮށްފައި ވެއެވެ.
ފްރާންސްގައި ހުންނަ އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރޭނީ ގައުމަކުން އެމީހެއް ހައްޔަރުކުރުމަށް ކޯޓު އަމުރެއްް ނެރުމުން ނެވެ.