އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޮއާވް ގަލަންތް މަގާމުން ވަކިކުރުމަށް އެގައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ ނިންމި ފަހުން އެގައުމުގައިި ކުރިއަށްދާ މުޒާހަރާތައް އިތުރަށް ވަރުގަދަކޮށްފި އެވެ.
ރޮއިޓާސް އިން ރިޕޯޓްކުރި ގޮތުގައި ނަތަންޔާހޫ، ޔޮއާވް މަގާމުން ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
އެއާއެކު، ނިމިދިޔަ އަހަރުގެ 7 އޮކްޓޫބަރުން ފެށިގެން ހަމާސްއިން ރަހީނުކުރި އިޒްރޭލު މީހުންގެ ހައްގުގައި ގައްޒާގައި ހަނގުރާމަ ހުއްޓާލަން ގޮވާލާ މުޒާހަރާ އިޒްރޭލުގެ އާންމުން ފަށާފައި ވެއެވެ.
ނަތަންޔާހޫ، ޔޮއާވް މަގާމުން ވަކިކޮށްފައިވަނީ ދާދި ފަހުން ލުބްނާންގެ ހިޒްބުﷲ އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އޭނާގެ ފަރާތުން ހިތްހަމަޖެހޭ މަސައްކަތެއް ނުފެނިގެން ކަމަށް ނަތަންޔާހޫ ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. މި މަގާމަށް މިހާރު ނަތަންޔާހޫ އިސްކޮށްފައިވަނީ އިޒްރޭލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަތްޒް އެވެ. ފޮރިން މިނިސްޓަރުގެ މަގާމަށް މިހާރު އައްޔަންކޮށްފައިވަނީ ގިޑިއޯން ސާރް އެވެ.
އިސްރާއީލުގެ މީޑިއާތަކުން ވަނީ ގަލަންތް މަގާމުން ވަކިކުރުމާ ދެކޮޅަށް ހައިފާ، ނަތަންޔާ، ބެރްޝެބާ، ޓެލްއަވީވް، އަދި ގުދުސްގައި މުޒާހަރާތައް ހިންގާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. މިހާރު ފުލުހުން ވަނީ ހައިފާގެ އުތުރުގައި މުޒާހަރާ ކުރަމުންދިޔަ ދުވަސްވީ އުމުރުފުރާގެ ބައެއްގެ ގަޔަށް ބަޑި ޖަހާފަ އެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ޔޮއާވް ބުނީ އޭނާއާއި ނަތަންޔާހޫއާއި ދެމެދު ދެބަސްވުން އުފެދުނީ އޭނާ އިޒްރޭލުގެ ރަހީނުން ސަލާމަތް ކުރަން އިސްނެގުމަށް ނަސޭހަތް ދިނުމުން ކަމަށެވެ. އަދި ހަނގުރާމައިގެ ބައެއް ސްޓްރެޓެޖީތަކާއިވެސް އޭނާ ވަނީ ދެބަސްވެފަ އެވެ.
ނަތަންޔާހޫއާއި ޔޮއާވްއާއި ދެމެދު ކޯޅުމެއް އުފެދިފައިވާތާ މަސްތަކެއް ވެއްޖެ އެވެ. ގަލަންތް ބުނާގޮތުންނަމަ ނަތަންޔާހޫ ހަނގުރާމަކުރަނީ އެއްވެސް ގަސްދެއްނެތި އެވެ. އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ނަތަންޔާހޫ ވަނީ އިޒްރޭލުގެ ޝަރުއީ ނިޒާމު ބަދަލުކުރަން ސަރުކާރުން ރާވާފައިވާ ކަންކަމާ މެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާތީ ޔޮއާވް މަގާުމުން ވަކިކޮށްފަ އެވެ. ނަމަވެސް އޭރުވެސް އާންމުން މުޒާޖަރާކުރުމުން ޔޮއާވް، އޭނ ާޣެ މަގާމަށް އަލުން އިސްކުރައްވާފައި ވެއެވެ.
ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާގައި 43،391 މީހުން މަރުވެ، 102،347 މީހުން ޒަހަމްވެފައި ވެއެވެ.