އިޒްރޭލުން ލުބުނާނުގެ މިސްކިތަކަށާއި މާރުކޭޓަކަށް ބޮން އަޅައި، ގިނަ އަދަދެއްގެ ބަޔަކު މަރާލައިފި އެވެ.
އަލް ޖަޒީރާގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، މިއަދު އިޒްރޭލުން ލުބުނާނުގެ ދެކުނުގެ ކްފާރު ޓިބްނިޓް އަވަށުގައި ހުންނަ ގަދީމީ މިސްކިތަކަށާއި ނަބާތީ ސިޓީގެ މާރުކޭޓަކަށް ބޮމުގެ ހަމަލާ އަމާޒުކޮށްފައިވެ އެވެ.
މިސްކިތަށް ދިން ހަމަލާގައި އެ މިސްކިތް މުޅިން ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ. ނަމަވެސް، މި ހަމަލާގައި މަރުވެފައިވާ މީހުންގެ އަދަދެއް އަދި އެނގިފައެއް ނުވެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ނަބާތީގެ މާރުކޭޓަށް ދިން ހަމަލާގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް ލުބުނާނުގެ ރެޑް ކްރެސެންޓުން ބުނެފައިވެ އެވެ. މި ހަމަލާގެ ސަބަބުން ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި މަރުވި އަދި ޒަޚަމްވި މީހުންގެ ސީދާ އަދަދު އަދި އެނގިފައި ނުވާ ކަމަށް އަލް ޖަޒީރާއިން ބުނެފައިވެ އެވެ.
ލުބުނާނުގެ ރެޑް ކްރޮސްއިން މިހާރު ދަނީ މިސްކިތާއި މާރުކޭޓުން އަނިޔާވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ނެވެ. މާރުކޭޓުގައި ރޯވި އަލިފާން ކޮންޓްރޯލް ނުކުރެވިގެން ގިނަ ބައެއްގެ ހަށިތައް އެތަނުން ނެގުމަށް ދަތިވެފައިވާ ކަމަށް ރެޑް ކްރެސެންޓުން މަޢުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން، އިޒްރޭލުގެ ސިފައިން ލުބުނާނުގެ މެދުތެރެއާއި އުތުރުގައި ހިޒްބުﷲ ހަނގުރާމަވެރިން ނޫޅޭ ތިން ސަރަހައްދަކަށް ދިން ހަމަލާތަކުގައި 15 މީހުން މަރުވެ 37 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. ލުބުނާނުގެ އުތުރުގެ ޑެއިރް ބިލާ ޓައުނަށް ފުރަތަމަ ފަހަރަށް އިޒްރޭލުން ވައިގެ ހަމަލާއެއް ދީފައިވާއިރު، މި ހަމަލާގައި 2 މީހަކު މަރުވެ، 4 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސެޕްޓެމްބަރު މަހު އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތައް ވަރުގަދަކުރި ފަހުން 1،645 މީހުން މަރުވެފައިވެ އެވެ. އަދި ހިޒްބުﷲ އާއި އިޒްރޭލު ސިފައިންނާ ދެމެދު އަހަރެއްހާ ދުވަހު ހިނގި ހަނގުރާމައިގައި މިހާރު ޖުމްލަ 2،255 މީހުން މަރުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.