ގަމާރުން އަތުން ޓެކްސް ނެގުމަށް ރަޝިޔާގެ ވެރިކަން ކުރާ ޕާޓީ، ޔުނައިޓެޑް ރަޝިޔާ ޕާޓީގެ މަޖިލިސް މެންބަރު ޔެގްވެނީ ޕޮޕޯވް ގޮވާލައްވައިފި އެވެ.
މި ގޮވާލެއްވުމަކީ ރަޝިޔާގެ މަޖިލީހުގެ ޑިފެންސް ކޮމިޓީގެ ލިއުޓެނަންޓް ޖެނެރަލް އަންޑްރޭ ގުރުލޭވް ދެއްވި ހިޔާލެއްގެ ރައްދުގައި ދެއްވި ހިޔާލެކެވެ.
ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރި ގޮތުގައި، ގުރުލޭވް ވަނީ ދަރިން ނެތް މީހުން އަތުން ޓެކްސް ނެގުމަށް ސޮވިއެޓް ވެރިކަމުގައި ތައާރަފްކޮށްފައިވާ، މިހާރު އުވާލާފައިވާ ގާނޫނަކަށް އަލުން އަމަލުކުރަން ގޮވާލައްވާފަ އެވެ. މި ގާނޫނަކީ 1941 ގައި ވުޖޫދުވި ގާނޫނެކެވެ. އޭރު މި ގާނޫނު ތައާރަފްކުރެވުނީ ބޮޑު ހަނގުރާމައިގައި ރަޝިޔާގެ އާބާދީ ދަށްވުމާ ގުޅިގެންނެވެ.
ގުރުލޭވްގެ މި ހިޔާލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ޕޮޕޯވް ވަނީ ދަރިން ނެތް މީހުންގެ އަތުން ޓެކްސް ނެގުމުގެ ބަދަލުގައި ގަމާރުން އަތުން ޓެކްސް ނެގުން މާ ބުއްދިވެރިކަމަށް ވިދާޅުވެފަ އެވެ.
”ދަރިން ނެތުމުން ނަގާ ޓެކްސްއާ ބެހޭގޮތުން ނޭނގޭ އަޅުގަނޑަށް، ނަމަވެސް ގަމާރުކަމަށް ނަގަންޖެހޭ ޓެކްސްއެއް ގައިމުވެސް ނަގަން އެބަ ޖެހޭ“
މަޖިލީހުގެ ފެމިލީ ޕްރޮޓެކްޝަން ކޮމިޓީގެ މުގައްރިރު ނީނާ އޮސްޓަނީނާ ވެސް ވަނީ މި ހިޔާލަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މި ހިޔާލާއެކު ރަޝިޔާގެ ޒުވާނުން ”ނަފްސާނީ“ ނުކުރުވާ، ”ބިރުނުގެންނެވުމަށް“ އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން ޒުވާނުންނަށް ގެދޮރުވެރިކަމާއި ރަނގަޅު މުސާރަ ގެރެންޓީ ނުކުރާހާހިނދަކު މިފަދަ ގާނޫނެއް އަލުން ރުޖޫއަ ކުރަން ހިޔާލަށް ގެނެސްގެން ނުވާނެ ކަމަށް އޭނާ ވަކާލާތު ކުރައްވާފައިވެ އެވެ.
މި މައްސަލައާ ގުޅިގެން، މިދިޔަ މަހު ރަޝިޔާއިން ވަނީ ދަރިން ނުހޯދުމަށް ހިތްވަރުދޭ ފަދަ ވާހަކަތައް މީޑިއާ، ފިލްމު އަދި އިންޓަނެޓްގެ ޒަރީއާއިން ފެތުރުން މަނާ ކުރާ ބިލެއްވެސް ހުށަހަޅާފަ އެވެ.
