ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރގޭ ލަވްރޯވް ނޯތް ކޮރެޔާއަށް ވަޑައިގެންފި އެވެ.
ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ފޮރިން މިނިސްޓަރު ނޯތް ކޮރެޔާއަށް ވަޑައިގެންފައިވަނީ މިއަދު އެވެ. އަދި ފޮރިން މިނިސްޓަރު ސަރގޭ ލަވްރޯވްއަށް މަރުހަބާ ދަންނަވާފައިވަނީ ނޯތް ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން ކަމަށްވެސް ރިޕޯޓު ކޮށްފައިވެ އެވެ.
ސަރގޭ ލަވްރޯވް ނޯތް ކޮރެޔާއަށް ކުރައްވާ މިދަތުރުފުޅަކީ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
ރަޝިޔާ އަދި ނޯތް ކޮރެޔާގެ ގުޅުން އިތުރަށް ބަދަހި ކުރަމުންދާއިރު، އިސްކަރީ އަދި ސިޔާސީ ގުޅުން އަންނަނީ ވަރަށް ބޮޑަށް ބަދަހިކުރަމުންނެވެ. އެގޮތުން ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ނޯތް ކޮރެޔާއިން އަންނަނީ އަސްކަރީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ސިފައިންނާއި ހަތިޔާރު ފޮނުވާކަމަށް ރިޕޯޓުތަކުގައި ބުނެ އެވެ.
އިނގިރޭސިވިލާތުގެ އިންޓެލިޖެންސް އިދާރާއާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަޝިޔާ – ޔޫކްރެއިން ހަނގުރާމައިގައި މިހާތަނަށް ނޯތް ކޮރެއާގެ 6000 ސިފައިން ވަނީ މަރުވެފަ އެވެ. އަދި ސައުތް ކޮރެޔާގެ އިންޓެލިޖެންސް އިދާރާއާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުން ޖުލައި ނުވަތަ އޮގަސްޓް މަހުގެ ތެރޭގައި ނޯތް ކޮރެޔާއިން އިތުރު ސިފައިން ރަޝިޔާއަށް ފޮނުވާނެ އެވެ.
މިފަހުން ސައުޓް ކޮރެޔާ، އެމެރިކާ އަދި ޖަޕާން ގުޅިގެން ވަނީ އަސްކަރީ ތަމުރީނުތަކެއްވެސް ކުރިއަށްގެންގޮސްފަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ތަމުރީނުތަކަކީ ނޯތް ކޮރެޔާ ”ބިރުދެއްކުމަށް“ އަދި ބާރު ދެއްކުމަށް ހިންގި ތަމްރީނުތަކެކެވެ. މި އަސްކަރީ ތަމުރީނުތަކާ ގުޅިގެން ރަޝިޔާއިން ވަނީ ސައުތް ކޮރެޔާ، އެމެރިކާ އަދި ޖަޕާނަށް އިންޒާރުވެސް ދީފަ އެވެ.