އެމެރިކާގެ ރައީސް ޖޯ ބައިޑަން ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.
އިއްޔެ ބައިޑަން ކޮވިޑަށް ފައްސވެވަޑައިގަތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރުމާއި ދޭތެރޭ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ބައިޑަން ކޮވިޑަށް ފައްސިވެވަޑައިގަތީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ދަނިކޮށެވެ.
އުމުރުން 81 އަހަރުގެ ބައިޑެން އަށް ކޮންމެވެސް ވަރަަކަށް ކޮވިޑްގެ އަލާމާތްތަކެއް ފެނިވަޑައިގަތުމުން ދިޔައިރު އެމަނިކުފާނަށް އެންޓިވައިރަލް ބޭސް ޕެކްސްލޮވިޑްގެ ފުރަތަމަ ޑޯޒް ލިބިވަޑައިގެންފައިވާ ކަމަށް ބައިޑަންގެ ޑޮކްޓަރު ބުނެފައި ވެއެވެ.
ބައިޑެން ބުދަ ދުވަހު ލަސްވެގަސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އެމެރިކާގެ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އިރުޝާދާ އެއްގޮތަށް ރައީސް ގެކޮޅުގައި އެކަހެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އެމެރިކާގައި ކޮވިޑަށް ފައްސިވާ މީހަކު 24 ގަޑިއިރު ތެރޭގައި ބަލީގެ އަލާމާތެއް ތަޖުރިބާ ނުކުރެވޭނަމަ، އައިސޮލޭޝަން އިން ބޭރުވެވޭނެ އެވެ. އަދި 5 ދުވަސް ވަންދެން މާސްކް އަޅައިގެން އެޅުމަށް ސީޑީސީއިން ލަފާ ދެ އެވެ.
ބައިޑަން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވެވަޑައިގެންފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
ބައިޑެން އަށް ކޯވިޑް-19 ވެކްސިން ބޫސްޓަރ ޝޮޓް އެތައް ފަހަރެއްގެ މަތިން ދެވިފައިވާއިރު އެންމެ ފަހުން ބޫސްޓާ ޝޮޓް ދެވިފައިވަނީ ސެޕްޓެމްބަރު 2023 ގައި ކަމަށް އެމަނިކުފާނުގެ ޑޮކްޓަރުގެ މެމޯއެއްގައި ބުނެފައި ވެއެވެ. މި ބަލި ފުރަތަމަ ޖެހުނު ދުވަސްވަރު އަރިދަފުސްވުމާއި ވަރުބަލިވުމާއި ހުން އައުމާއި ކެއްސުން ފަދަ ލުއި އަލާމާތްތަކެއް ފެނިގެން ޕެކްސްލޮވިޑް އިން ފަރުވާ ދެވިފައި ވެއެވެ.
ފާއިތުވި ހަފްތާތަކުގައި މުޅި އެމެރިކާގައި ކޮވިޑް-19 ވަނީ 23 އިންސައްތަ އަށް މައްޗަށް ގޮސްފަ އެވެ.