އިޒްރޭލުން ގައްޒާގައި ތިބި 4 ރަހީނެއް ސަލާމަތްކޮށްފި އެވެ.
އިޒްރޭލު ސިފައިން ހަމާސްއިން ރަހީނުކުރި އެ 4 މީހުން ސަލާމަތްކުރިއިރު އެމީހުން ތިބީ ހެޔޮ ހާލުގައި ކަމަށް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
އިޒްރޭލުން މިހެން ބުނެފައިވާއިރު އެގައުމުގެ ސިފައިން ވަނީ އެ ރަހީނުން ތިބި ސަރަހައްދަށް އެތައް ހަމަލާއެއް އަމާޒުކޮށްފަ އެވެ. މި މީހުން ސަލާމަތްކޮށްފައި ވަނީ ނުސެއިރަތްގެ ދެ ލޮކޭޝަނަކުން ނެވެ.
ސަލާމަތްވީ މީހުންގެ ތެރޭގައި ހިމެނެނީ ނޯއާ އަރްގަމާނީ، 25؛ އަންޑްރޭ ކޮޒްލޮވް، 27؛ ޝްލޯމީ ޒިވް، 40؛ އަލްމޮގް މެއިރް ޖަން، 21 އެވެ. މި މީހުން އިޒްރޭލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔަފަހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އޮކްޓޫބރު 7 ގައި ހަމާސްއިން ވަނީ އިޒްރޭލުގައި ބޭއްވި ނޯވާ ފެސްޓިވަލުން 250 އެއްހާ މީހުން ރަހީނުކޮށްފަ އެވެ. އިޒްރޭލު އަސްކަރިއްޔާއަށް ސަލާމަތް ކުރެވުނު ރަހީނުންގެ އަދަދު މިހާރު ވަނީ 7 އަށް އަރާފަ އެވެ.
މިދިޔަ ހަފްތާގައި އިޒްރޭލުން ބުނީ ގައްޒާގައި ތިބީ 120 ރަހީނުން ކަމަށެވެ. އަދި 40 ރަހީނުން ގައްޒާގައި މަރުވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
މިި 4 މީހުން ސަލާމަތްކުރުމަށް އިޒްރޭލުން ބޭނުންކޮށްފައިވަނީ އެމެރިކާއިން ގައްޒާގައި އަޅާފައިވާ ފާލަމެވެ. އަދި އެމީހުން ސަލާމަތްކުރުމަށް އިޒްރޭލު ސިފައިން ވަނީ ގައްޒާއަށް އެކި ގައުމުތަކުން ފޮނުވާފައިވާ އެހީގެ ގާފިލާއެއް ތެރެއިން އެއް ގާފިލާއެއްގެ އެތެރޭގައި ފިލާފަ އެވެ. ނުސެއިރަތުގައި ހިންގި ގަތުލުއާންމުގައި އިޒްރޭލުން ވަނީ ގައްޒާގެ 274 އާންމުން ޝަހީދުކޮށްފަ އެވެ.