އިޒްރޭލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރުމުން ހަމާސްއިން ރާއްޖެއަށް ޝުކުރު އަދާކޮށްފި އެވެ.
އަލް ޖަޒީރާ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަތުރުވެރިންގެ މެދުގައި މަޝްހޫރު މަންޒިލެއްކަމަށްވާ ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރުމުން ހަމާސްއިން އެކަމުގެ އަގު ވަޒަންކޮށްފައިވާ ކަމަށެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމަކީ ރަނގަޅު މިސްރާބަކަށް އެޅި ހިތްވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ހަމާސްއިން ވަނީ ސިފަކޮށްފަ އެވެ.
އަޅުގަނޑުމެން އިލްތިމާސް ކުރަން ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް ރާއްޖެ އާއި އިންސާފުގެ މަގުގައި ތިބި އެހެން ޤައުމުތަކުގެ ނަމޫނާއަށް ތަބާވުމަށް.
މީގެ އިތުރުން ހަމާސްއިން ވަނީ އިޒްރޭލް އެކަހެރިކޮށް އިޒްރޭލުން ހިންގި ޖަރީމާތަކުގެ އަގު އަދާ ކުރަން މަޖުބޫރު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފަ އެވެ.
އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މި ބިލު ފާސްވީ 83 މެންބަރުންގެ ވޯޓުންނެވެ. އެވަގުތު މަޖިލީހުގައި ތިއްބެވި ހުރިހާ މެންބަރުންވެސް މި ބިލު ފާސްކުރަން ވަނީ ވޯޓު ދެއްވާފަ އެވެ.
ހަމާސް ރާއްޖެ - ފަލަސްތީން އިޒްރޭލު ޕާސްޕޯޓް އިޒްރޭލް ފަލަސްތީނާއެކު ދިވެހިން ފަލަސްތީން
