ރޯދަމަހުގެ ދުވަސްތައް ފާއިތުވެގެން ދާއިރު، ރޯދަވީއްލުމުގެ ވަގުތު ކައިރިވުމާއެކު ގިނަ މީހުން އެންމެ ފުރަތަމަ ހަނދާންވަނީ ކަދުރެވެ. މިއީ ހަމައެކަނި އާދައެއްގެ ގޮތުން ނުވަތަ ދީނީ ގޮތުން ކުރާ ކަމެއް ނޫނެވެ. ސިއްޙީ ގޮތުންވެސް ރޯދަވީއްލުމަށް ކަދުރެއް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.
ސިއްޙީ ނަޒަރަކުން ބަލާއިރު، ކަދުރަކީ ހަށިގަނޑަށް އަވަހަށް ހަކަތަ ލިބޭ، ފަސޭހައިން ހަޖަމުކުރެވޭ، އަދި ގިނަ މިންވަރެއްގެ ފައިދާހުރި މާއްދާތައް އެކުލެވޭ މޭވާއެކެވެ. ދުވާލު ދިގު ވަގުތެއް ނުކައި ހުރުމަށްފަހު، ހަށިގަނޑަށް އެންމެ ބޭނުންވަނީ އަވަހަށް ހަކަތަ ލިބޭނެ ކާނާއެކެވެ. ކަދުރުގައި އެކުލެވޭ ނެޗުރަލް ހަކުރުތަކަކީ ހަށިގަނޑަށް އަވަހަށް ޖަޒުބުވެ، ހަކަތައަށް ބަދަލުވާ މާއްދާތަކެކެވެ. މީގެ އިތުރުން، ކަދުރުގައި ވިޓަމިން އާއި މިނެރަލްސް ގިނަ މިންވަރަކަށް އެކުލެވެއެވެ. މިސާލަކަށް، ޕޮޓޭސިއަމް، މެގްނީސިއަމް، އަދި ފައިބަރ ފަދަ މާއްދާތައް ހިމެނެއެވެ. މި މާއްދާތަކަކީ ހަށިގަނޑުގެ ފެންވަރު ހިފެހެއްޓުމަށާއި، ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށް މުހިންމު މާއްދާތަކެކެވެ.
ދީނީ ނަޒަރަކުން ބަލާއިރު، ރޯދަވީއްލުމަށް ކަދުރެއް ކެއުމަކީ ސުންނަތް ޢަމަލެކެވެ. މާތްރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައި ވަނީ: ”ތިޔަބައިމީހުންކުރެ މީހަކު ރޯދަވީއްލާ ހިނދު، ކަދުރުން ރޯދަވީއްލާށެވެ. ފަހެ، ހަމަކަށަވަރުން އެއީ ބަރަކާތްތެރި އެއްޗެކެވެ. ފަހެ، ކަދުރު ނުލިބިއްޖެނަމަ، ފެނުން ރޯދަވީއްލާށެވެ. ހަމަކަށަވަރުން އެއީ ޠާހިރުވެގެންވާ އެއްޗެކެވެ.“ (ތިރުމިޛީ: 695)
މި ޙަދީޘްފުޅުން އަޅުގަނޑުމެންނަށް އެނގެނީ ކަދުރަކީ ބަރަކާތްތެރި އެއްޗެއްކަމާއި، ރޯދަވީއްލުމަށް އެންމެ އެދެވިގެންވާ އެއްޗަކީ ކަދުރުކަމެވެ. މީގެ އިތުރުން، ކީރިތި ޤުރުއާނުގައިވެސް ކަދުރުގެ މުހިންމުކަން ބަޔާންކުރައްވާފައިވެއެވެ. މަރްޔަމްގެފާނުގެ ވާހަކައިގައި، ﷲ ވަޙީކުރައްވަނީ: ”އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ.“ (މަރްޔަމް: 25)
ރޯދަވީއްލުމަށް ކަދުރެއް ކެއުމަކީ ސިއްޙީ ގޮތުންނާއި ދީނީ ގޮތުން ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަހަށް ލިބުމުގެ އިތުރުން، މާތްރަސޫލާ ﷺ ގެ ސުންނަތް ޢަމަލެއް އަދާކުރެވޭނެއެވެ. އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް މަސައްކަތް ކުރަންވާނީ ރޯދަވީއްލުމުގައި ކަދުރު ބޭނުންކުރުމަށެވެ. އެހެނީ މިކަމުގައި ދުނިޔެވީ އަދި އުޚްރަވީ ފައިދާތައް ވާކަން ކަށަވަރެވެ.
ކަދުރުގެ މުހިންމުކަން އިތުރަށް ދޭހަވަނީ ކީރިތި ޤުރުއާނުގައި ކަދުރު ގިނަ ފަހަރު ޛިކުރުކުރައްވާފައިވާތީއެވެ. މިސާލަކަށް، ސޫރަތުއް އައް ރަޢްދްގެ 4 ވަނަ އާޔަތުގައި އަލްލާހު ވަޙީކުރައްވަނީ: ”އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.“
މި އާޔަތުން އަޅުގަނޑުމެންނަށް އެނގެނީ ކަދުރަކީ ﷲގެ ޤުދުރަތްތެރިކަމުގެ ނިޝާންތަކުގެ ތެރެއިން ނިޝާނެއްކަމެވެ. އަދި އޭގައި ވިސްނާ ފިކުރުކުރާ މީހުންނަށް ޢިބްރަތްތަކެއް ވާކަމެވެ.
ރޯދަމަހުގައި ކަދުރުގެ ބޭނުން ހަމައެކަނި ރޯދަވީއްލުމަށް އެކަނި ނޫންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ހާރު ކެއުމުގައިވެސް ކަދުރު ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ކަދުރުގައި އެކުލެވޭ މާއްދާތަކަކީ ދިގު ވަގުތަކަށް ހަކަތަ ދެމެހެއްޓުމަށް އެހީތެރިވާ މާއްދާތަކަކަށް ވާތީއެވެ.
