ދިރިއުޅުމުގައި ކޮންމެ މީހަކުވެސް އުނދަގޫތަކާ ކުރިމަތިލާ އެވެ. ގިނަ މީހުން މިފަދަ އުނދަގޫތައް ހިއްސާނުކޮށް ފޮރުވުމުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ. މީގެ އާންމު ނަތީޖާއަކީ ޑިޕްރެޝަން އެވެ. ރައްޓެހިންނާއެކު ނުވަތަ އާއިލާ އާއި އެކީ ހީ ސަމާސްކޮށް އުޅޭ މީހެއްވެސް މި ބަލިން ތަހައްމަލް ކޮށްފާނެ އެވެ.
ރާއްޖޭގައިވެސް ގިނަ މީހުން މިފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދެ އެވެ. އަދި އަމިއްލައަށްވެސް ކުރެވޭނެ ކަންތައްތަކެއް ހުރެ އެވެ.
މި ލިޔުމުގައި މި ހިމަނާލަނީ މިފަދަ އުދަނގޫތައް ތަހަމަލްކުރަމުންދާ މީހަކަށް އަމިއްލައަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
އަމިއްލަ ނަފްސާ މެދު ދެކޭގޮތް ބަދަލުކޮށްލާ
ތިމާއަށް އިހުސާސް ނުކުރެވުނު ނަމަވެސް އިންސާނާގެ ސިކުނޑީގައި އަބަދުވެސް އަޑެއް އިވެމުންދެ އެވެ. މިއީ އަމިއްލަ ޢަމަލުތަކާމެދު ފާޑުކިޔާ އަޑެކެވެ. މި އަޑު ބައެއްފަހަރު ފައިދާހުރި ނަމަވެސް، އަނެއްބައިފަހަރު ނޭދެވޭ ގޮތުގައި އަމިއްލަ ނަފްސާ ވާހަކަދެއްކުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރެއް ކުރާނެ ކަމެކެވެ.
އަމިއްލަ ނަފްސާމެދު ނޭދެވޭ ވިސްނުންތަކުން އިންސާނާގެ އިތުބާރާއި އުފާވެރިކަމަށް އަސަރުކޮށް، އަމާޒުތަކާ ހަމައަށް ވާޞިލުވުމަށް ހުރަސްއެޅިދާނެ އެވެ. މި ކަންކަން ހުއްޓުވުމަށް އަންނަނިވި ފިޔަވަޅުތައް އެޅިދާނެ އެވެ:
އެންމެ ފުރަތަމަ، އަމިއްލަ ނަފްސާމެދު ނޭދެވޭ ގޮތަކަށް ވިސްނަން ފަށާ ހިނދު އެކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ”އަބަދުވެސް“ ނުވަތަ ”ދުވަހަކުވެސް“ ފަދަ ބަސްތައް ބޭނުންކޮށްގެން ވިސްނުން ބިނާކުރުމަކީ، މިސާލަކަށް ”އަހަރެން އަބަދުވެސް ގުޅުންތައް ހަލާކުކުރަން“ ނުވަތަ ”އަހަރެންނަކަށް ދުވަހަކުވެސް ވަޒީފާއެއް ނުލިބޭނެ“ ފަދަ ގޮތަކަށް ވިސްނުމަކީ، އެ ވިސްނުމުގައި ތާށިވެ ހުރުމަށް މަގުފަހިވާނެ ކަމެކެވެ.
މި ފަދަ ނޭދެވޭ ޚިޔާލުތައް އެދެވޭ އަދި ހެޔޮ ވިސްނުންތަކަށް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުވަސްތައް ފާއިތުވަމުންދާއިރު، މި ނޭދެވޭ ވިސްނުންތައް ކޮންޓްރޯލްކުރުމުގެ ހުނަރު ތަރައްޤީވެ، އަމިއްލަ ނަފްސާމެދު އޯގާތެރިކަމާއެކު ވިސްނުމުގެ އާދަ އަށަގަންނާނެ އެވެ.
ހަށިގަނޑަށް ރައްކާތެރިވުން
ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ކަސްރަތުކުރުމަކީ ވަރުގަދަ ހަށިގަނޑަކާއި ދުޅަހެޔޮ ސިކުނޑިއަކާ ގުޅިފައިވާ ކަމެކެވެ. ކަސްރަތުކުރުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތްތެރިކަން އިތުރުވެ، ނަފްސާނީ ފިއްތުން ލުއިވެ، އަދި ޢުމުރުން ދުވަސްވުމާއެކު ސިކުނޑީގެ ޤާބިލުކަން ދަށްވުމުގެ ފުރުޞަތު ދަށްވެގެންދެ އެވެ.
ދިގު މުއްދަތަކަށް ކަސްރަތު ނުކޮށް ހުރުމަށްފަހު އަލުން ފެށުމަށް ދަތިވާނަމަ، ކަންބޮޑުވާން ނުޖެހޭނެ އެވެ. އިންޓަރނެޓުގައި ލިބެންހުރި ފިޓްނަސް ބްލޮގުތަކުން ދުވަހުގެ އާދަކާދައިގެ ތެރެއަށް ޖިސްމާނީ ޙަރަކާތްތައް ތަދްރީޖީކޮށް ތަޢާރަފުކުރާނެ ގޮތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބިގަނެވޭނެ އެވެ.
ގުދުރަތީ މާހައުލުގައި ހޭދަކުރާ ވަގުތު އިތުރުކުރުން
ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުމުން ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބެ އެވެ. މި ފަސޭހަ އަމިއްލަ ފަރުވާގެ ގޮތުން ސިކުނޑި ސާފުވެ، ހަމަޖެހުން ލިބިގެންދެ އެވެ. އަދި ހަނދާން ބާރުވެ، ސަމާލުކަން ދެވޭ މިންވަރު އިތުރުވެ އެވެ.
ދެން ފަހަރަކު ކަންތައްތައް ބޮޑުވެގެން އުޅޭ އިހުސާސް ކުރެވޭ އިރު، ޕާކަކަށް ހިނގާލަން ދިއުމަށް ވިސްނާލާށެވެ. ކޮންމެ ދުވަހަކުވެސް ގެއިން ނުވަތަ އެޕާޓްމަންޓުން ބޭރުގައި ކޮންމެވެސް ވަރަކަށް ވަގުތު ހޭދަކުރަން މަސައްކަތް ކުރާށެވެ. ހެނދުނުގެ ކޮފީ ގޯތިތެރޭގައި ބުއިން ނުވަތަ ބެލްކަނީގައި ފޮތެއް ކިޔުން ފަދަ ކުދިކުދި ކަންތައްތަކުން ވެސް ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ތަފާތެއް ގެނެސްދޭނެ އެވެ.
ސްކްރީންތަކުުން ދުރަށްޖެހިލުން
އިލެކްޓްރޯނިކް ވަސީލަތްތަކަކީ މިހާރުގެ ދިރިއުޅުމުގައި އަސާސީ ބައެއްގެ ގޮތުގައި ވަރަށް ބޮޑަށް އަށަގެންފައިވާ އެއްޗެކެވެ. އަޅުގަނޑުމެން މަސައްކަތްކުރުމަށާއި، ތަޢުލީމީ ވާޖިބުތައް އަދާކުރުމަށާއި، އިޖްތިމާޢީ ގުޅުންތައް ދެމެހެއްޓުމަށާއި، އަދި މުނިފޫހިފިލުވުމަށް ވެސް މި ވަސީލަތްތަކަށް ބަރޯސާވެފައިވެ އެވެ. ނަމަވެސް، ޢިލްމީ ދިރާސާތަކުން ހާމަކުރާ ގޮތުގައި އިންތިހާއަށް ސްކްރީނުތަކުގައި ވަގުތު ހޭދަކުރުމަކީ ޑިޕްރެޝަން ފަދަ ނޭދެވޭ އަސަރުތަކަށް މަގުފަހިވެދާނެ ކަމެކެވެ.
ޓެލެވިޜަން ޕްރޮގްރާމްތައް ބެލުމާއި، ވީޑިއޯ ގޭމް ކުޅުމާއި، އަދި އިޖްތިމާޢީ މީޑިއާގައި ވަގުތު ހޭދަކުރުމުގައި ހައްދުފަހަނައަޅާ ދިއުމުން، އަޅުގަނޑުމެން އާންމުކޮށް ވަށައިގެންވާ މާޙައުލާ އެކަހެރިވެ، އެއްތަނެއްގައި ހިމޭންވެ، އަދި ޙަޤީޤީ ދުނިޔެއާ ގުޅުން ކެނޑިގެންދާ ކަހަލަ އިޙްސާސެއް ކުރެވެ އެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާއިން ތާށިވެފައިވާކަމުގެ އިހުސާސްތަކާއި އަދި އަމިއްލަ ނަފްސާމެދު ހިތްހަމަނުޖެހުމުގެ އިހުސާސްތައް އިތުރުވެގެންދެ އެވެ.
އެހެންކަމުން، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ވަކި ވަގުތުކޮޅެއް ކަނޑައަޅައި، އިލެކްޓްރޯނިކް ވަސީލަތްތަކުން ދުރުވެ، ޑިޖިޓަލް ދުނިޔެއިން ވަކިވެ، ޙަޤީޤީ ދުނިޔެއާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މިއީ އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.
ހޮބީއެއް ހޯދުން
ދިރާސާތަކުން ދައްކާގޮތުގައި މާގިނައިން މަސައްކަތްކުރުމުގެ ސަބަބުން ވަރުބަލިކަމާއި، ފަރުވާކުޑަކަމާއި، ހަނދާން ބަލިކަމާއި، އަދި ނިދި މަދުވުން ކުރިމަތިވެ އެވެ. ކުރަންޖެހޭ ކަންތައްތަކުގެ ލިސްޓު ދިގުވަމުންދާއިރު، ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭ ކަންތައްތައް ފަސްކުރަން ފަސޭހަވެ އެވެ.
އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން، އަމިއްލަ ޝައުޤުވެރިކަން ހުރި ކަންތައްތައް ދެނެގަތުމަށާއި އައު ހޮބީއެއް ފެށުމަށް ވަގުތު ކަނޑައަޅާށެވެ. ހޮބީގެ ގޮތުގައި ކުރެހުން، ހައިކިންގ ދިއުމާއި، ގަސްނއިންދުމާއި، އައު ކާނާ ތައްޔާރުކުރަން ދަސްކުރުމާއި، ނުވަތަ ގެލެރީތަކަށް ޒިޔާރަތްކުރުން ހިމެނިދާނެ އެވެ.
މުނިފޫހިފިލުވުމުގެ ކަމަކަށް ސަމާލުކަން ދިނުމުން ނަފްސާފްސާނީ ގޮތުން ލުއިވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކަށް އާރޯކަމާއެކު ރުޖޫޢަވެ އެވެ. ހަނދާނުގައި ބަހައްޓަންވީ ތިމާގެ ހަޔާތަށް އުފާވެރިކަން ގެނެސްދޭ ކަންކަމުން މަޙްރޫމްވުމަކާ ނުލައިވެސް ވަޒީފާގެ ނުވަތަ ތަޢުލީމީ ދާއިރާއިން ކާމިޔާބު ލިބިދާނެ ކަމެވެ.
”އާއެކޭ“ ބުނަން ދަސްކުރުން
ބިރަކީ ވަރަށް ބާރުގަދަ އިޙްސާސެކެވެ. ނަމަވެސް، އެއީ ދިރިއުޅުމުގައި ނިންމުންތައް ނިންމުމުގެ މައިގަނޑު ބަލަދުވެރިޔާގެ ގޮތުގައި ބަހައްޓަން ނުޖެހޭނެ އެވެ. އައު ތަޖުރިބާތަކަށް ހުޅުވިގެން ތިބުމަށް މަސައްކަތްކުރާށެވެ. ގިނަ ފަހަރު ”އާނއެކޭ“ ބުނުމަކީ ތިބާ ނޭދޭ ކަންކަމަށް އެއްބަސްވުމެއް ނޫނެވެ. އެހެނަސް، އެއީ ތިބާ އަބަދުވެސް ކުރަން ޝައުޤުވެރިވެފައިވާ ކަންކަން ކުރުމަށް ބިރުވެރިކަމުގެ ސަބަބުން ހުރަސްއެޅުން ހުއްޓުވުމެވެ.
ގިނަ ފަހަރު އަހަރެމެންނަށް ތަފާތު ބިރުވެރިކަން ކުރިމަތިވެ އެވެ. މިސާލަކަށް ނާކާމިޔާބުވުމުގެ ބިރު، އެހެން މީހުން ފާޑުކިޔާނެކަމުގެ ބިރު، އަދި ނޭނގޭ ކަންތައްތަކުގެ ބިރެވެ. ”އާނއެކޭ“ ބުނުމަކީ އަމިއްލަ ނަފްސުގެ އިތުބާރު އިތުރުކޮށް، އަމިއްލަ ނަފްސާމެދު އުފެދޭ ޝައްކުތައް ފިލުވުމަށް އެހީތެރިވެދޭނެ ރަނގަޅު ނަފްސާނީ އަޅާލުމުގެ ވަސީލަތެކެވެ.
”ނޫނެކޭ“ ބުނަން ދަސްކުރުން
އެހެން މީހުން ހިތްދަތިވެދާނެތީ ބިރުން ހުރިހާ ކަމަކަށް އެއްބަސްވާނަމަ، ތިބާގެ ޤާބިލުކަމަށްވުރެ އިތުރަށް މަސައްކަތްކުރަން ޖެހި، އަމިއްލަ ބޭނުންތަކަށް ވަގުތު ނުލިބޭ ހިސާބަށް ގޮސްދާނެ އެވެ. އަމިއްލަ ނަފްސަށް އިޙްތިރާމްކުރުމަކީ ތިބާއަށް ނުކުރެވޭނެ ނުވަތަ ކުރަން ބޭނުން ނުވާ ކަންތައްތަކަށް ”ނޫނެކޭ“ ބުނުމެވެ.
މި ބާވަތުގެ ނަފްސާނީ އަޅާލުން އަށަގެންނެވުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް، މިކަމަށް އަހުލުވެރިވުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ނަފްސާނީގޮތުން ޖެހިލުންވާ ކަންކަމާއި ކުރިމަތިލުން
ކަމެއް ހިނގަމުންދާއިރު އެކަމެއް ނުހިނގާކަމަށް ދެކުމަކުން އެކަމެއް ނުވެ ނުދާނެ އެވެ. އިޙްސާސްތައް ފޮރުވުމުގެ ސަބަބުން ރުޅިވެރިކަމާއި، މުޢާމަލާތްކުރުމުގެ ދަތިކަމާއި، އަދި ގުޅުންތަކަށް ގެއްލުން ލިބުން ފަދަ ނޭދެވޭ ނަތީޖާތައް ނުކުމެދާނެ އެވެ.
އެހެންކަމުން، ތިބާ ހިތާމަވެރިވެ، ހާސްވެ، ރުޅިއައުން ފަދަ އިޙްސާސްތަކަށް އަޅާނުލާ ދޫކޮށްނުލާށެވެ. އޭގެ ބަދަލުގައި މައްސަލައިގެ މައިގަނޑު ސަބަބު ހޯދަން މަސައްކަތްކުރާށެވެ. އަމިއްލަ ނަފްސާ ސުވާލުކުރާށެވެ، ”ކޮން ކަމަކުންތޯ އަހަރެން ކަންބޮޑުވަނީ؟ އަހަރެންނަށް އެކަމާމެދު އެއްވެސް ކަމެއް ކުރެވިދާނެތޯ؟“ އުނދަގޫތަކެއް ވާނަމަ، އެކަންކަންވެސް އަޅާނުލާ ދޫކޮށްނުލާނެ އެވެ. އޭގެ ބަދަލުގައި އެކަން ޙައްލުކުރުމަށް އަދި އަވަހަށް ރަނގަޅުވުމަށް ފިޔަވަޅު އަޅަން މަސައްކަތް ކުރާށެވެ.
ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ހަމަ އެފަދައިން ކަންތައް ކުރެވިދާނެ އެވެ. އަދި އެހެން ކުރަންޖެހޭނެ އެވެ.
މިއީ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކެވެ. މީގެ އިތުރުންވެސް، ތިމާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ޙަރަކާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މުހިންމު ކަމެކެވެ. އަދި ހަނދާން ބަހައްޓަންވީ ކަމަކީ، އަބަދުވެސް ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ނަފްސާނީ ދުޅަހެޔޮކަން ޙާޞިލުކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމުގައެވެ.