ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ފައިނަލުގައި 7-5 ގެ ނަތީޖާއަކުން އެސްޓީއޯ ރެކްރިއޭޝަން ކްލަބް ބަލިކޮށް، ރޯޑްރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ދެވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިދިޔަ ދެ އަހަރުގެވެސް ފައިނަލުގައި ކުޅެފައިވާ އާރްއާރްސީ މިއަހަރުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި މޯލްޑިވިއަން ބަލިކުރުމަށްފަހުއެވެ. އަދި އެސްޓީއޯ އިން ވަނީ ސެމީގައި އެމްޕީއެލްގެ މައްޗަށް ކުރިހޯދާފައެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އަލީ ޝާމިސް (ތޮއްޕެ) ވަނީ ލަނޑެއް ޖަހައި އާރްއާރްސީ އަށް ކުރިހޯދަދީފައެވެ. ތޮއްޕެ ވަނީ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ޖަހައި އާރްއާރްސީ އަށް ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމެން ގާތް ވެފައިވަނިކޮށް އަލް ހޮދަދާދީ ޖެހި ލަނޑާއެކު އެސްޓީއޯ އިން ވަނީ ފަރަގު ކުޑަކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އާރްއާރްސީގެ ބިދޭސީ ކުޅުންތެރިޔާ، މޮހްސެން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން އިސްމާއިލް އީސާ (މެސީ) ވަނީ ލަނޑެއް ޖަހައި އަނެއްކާވެސް އެސްޓީއޯ އަށް ފަރަގު ކުޑަކޮށްދީފައެވެ.
އާރްއާރްސީ އިން ވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ހަތަރު ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ. އޭގެތެރެއިން ދެ ލަނޑު އަހުމަދު އަފްލާޒް ޖެހިއިރު، އާދަމް ނާސިހު (އާދަންނަ) ވަނީ އެއް ލަނޑު ޖަހާފައެވެ. އަދި އަނެއް ލަނޑަކީ އެސްޓީއޯގެ ކީޕަރު މުހައްމަދު ޒުހަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެސްޓީއޯ އިން ވަނީ މެޗުގެ ފަހު ވަގުތާ ހަމަޔަށް ހިތްވަރުކޮށްފައެވެ. އެގޮތުން، އެ ޓީމުން ވަނީ މެޗުގެ ފަހު މިނެޓު ތެރޭގައި ތިން ލަނޑު ޖަހާފައެވެ. އޭގެތެރެއިން ދެ ލަނޑު މެސީ ޖެހިއިރު، އަނެއް ލަނޑު ޖެހީ މުހައްމަދު އިމްރާން އެވެ. އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އާރްއާރްސީގެ ފަސް ފައުލް ހަމަވުމާ ގުޅިގެން ލިބުނު ދެ ދުރު ޕެނަލްޓީ ކާމިޔާބު ނުކުރެވުމެވެ. އެސްޓީއޯ އިން ފޮނުވާލި ދެ ޕެނަލްޓީވެސް އާރްއާރްސީގެ ކީޕަރު މުހައްމަދު ލުފްޝާން (ޕަފް) ވަނީ ދިފާއުކޮށްފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާރްއާރްސީގެ މޮހްސެން އެވެ. މުބާރާތުގެ ފުޓްސަލް ކިންގަކަށް ހޮވުނީ އެ ޓީމުގެ އަފްލާޒެވެ. އަފްލާޒްގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެ ޓީމުގެ އިބްރާހިމް އަސްވަދު (ގަބޭ) އާއި ޕަފް އަދި މޯލްޑިވިއަންގެ ހޮދަދާދީ އާއި އަލީ ހައިސަމް (ޗުމްޕު) އެވެ.
މުބާރާތުގެ މާސްޓާ އޮފް ފުޓްސަލް އަކީ އާރްއާރްސީގެ ކޯޗު، އިސްމާއިލް ޝަރީފް (އިއްސެ) އެވެ. އެންމެ ގިނަ ލަނޑު ޖެހީ އެ ޓީމުގެ ޝަނާން ރަޝާދާއި އާދަންނަ އެވެ. މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ މޯލްޑިވިއަންގެ މުހައްމަދު އަބްދުﷲ އެވެ. ފެއާ ޕްލޭ ޓީމަކަށް މޯލްޑިވިއަން ހޮވުނުއިރު، ފެއާ ޕްލޭ ކުޅުންތެރިޔަކީ އެ ޓީމުގެ އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ.
