ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ސެމީ ފައިނަލުގައި 9-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޯލްޑިވިއަން ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ވިދިވިދިގެން ތިންވަނަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފިއެވެ.
މިދިޔަ ދެ އަހަރުގައިވެސް އާރްއާރްސީ ފައިނަލްގައި ކުޅެފައިވާއިރު، ދެ ފަހަރުވެސް އެ ޓީމު ވަނީ ކްލަބް ވެމްކޯ އަތުން ބަލިވެފައެވެ. މިއަހަރުގެ ސެމީގައި އާރްއާރްސީ އިން އެމްއޭސީއެލް އަތުން ހަނި މޮޅެއް ހޯދިއިރު، ރޭ އެ ޓީމުން ވަނީ މޯލްޑިވިއަން އަތުން ބޮޑު މޮޅެއް ހޯދާފައެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އާދަމް ނާސިހު (އާދަންނަ) ވަނީ ލަނޑެއް ޖަހައި އާރްއާރްސީ އަށް ކުރިހޯދަދީފައެވެ. ނަމަވެސް، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އާރްއާރްސީ ކުޅުންތެރިޔަކު އަތުން ބައިކޮޅަށް ލަނޑެއް ވަނުމާއެކު ނަތީޖާ އެއްވަރުވިއެވެ. ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އާރްއާރްސީ އަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީ ބިދޭސީ ކުޅުންތެރިޔާ މުހުސިން އެވެ.
ދެވަނަ ހާފު ފެށިގެން އާރްއާރްސީ އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ހާފު ފެށިގެން ދެވަނަ މިނެޓުގައި އާދަންނަ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. އޭގެފަހުން އެ ޓީމުން ވަނީ ދެ މިނެޓު ތެރޭ ހަތަރު ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ. އޭގެތެރެއިން އަހުމަދު އަފްލާޒް އެއް ލަނޑު ޖެހިއިރު، އަލީ ޝާމިސް (ތޮއްޕެ) ވަނީ ހެޓްރިކް ހަދާފައެވެ.
މެޗުގެ 31 ވަނަ މިނެޓުގައި މޯލްޑިވިއަންގެ ދެވަނަ ލަނޑު ޖެހީ ހުސައިން މައިޝާން އެވެ. އޭގެފަހުން، މެޗުގެ 36 ވަނަ މިނެޓުގައި އާދަންނަ ހެޓްރިކް ހެދިއިރު، މޯލްޑިވިއަންގެ ތިންވަނަ ލަނޑު ޖެހީ އަހުމަދު އަޒްމީން އެވެ.
މުބާރާތުގެ ފައިނަލުގައި އާރްއާރްސީ ނިކުންނާނީ އެސްޓީއޯ ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ.
