މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ”ފަޔަރ އެކްސްޓިންގުޝަރސް ރީފިލިންގ“ ސެންޓަރުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވުނު މި ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު މެންދުރު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާން އާއި ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ސެންޓަރުން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި، ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރު ޓެސްޓް ކުރުމާއި ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނެ އެވެ. ޚާއްސަކޮށް، ޑްރައި ކެމިކަލް ޕައުޑަރ (ޑީސީޕީ)، ކާބޮންޑައިއޮކްސައިޑް (ސީއޯޓޫ)، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސަރވިސް ކުރުމުގެ ޚިދުމަތް މި ސެންޓަރުން ފޯރުކޮށްދޭނެ އެވެ.
އަލިފާން ނިވާ ފުޅި ރީފިލް ކުރުމުގެ އިތުރުން، ފުޅިތައް ސަރވިސް ކުރުމުގެ މަސައްކަތްތައްވެސް މި ސެންޓަރުން ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ފުޅިތަކަށް ކުލަ ޖެހުމާއި، ލޭބަލް ކުރުމާއި ޓެގް ކުރުމާއި ސޭފްޓީ ޕިން ހަރުކުރުން ހިމެނެ އެވެ. މީގެ އިތުރުން، މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ފުޅިތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ އެވެ. އަދި ސެލްފް ކޮންޓެއިންޑް ބްރީދިންގ އެޕަރޭޓަސް (އެސްސީބީއޭ) ގައި ބޭނުންކުރާ އެއަރ ސިލިންޑަރތައް ރީފިލްނގ ކުރުމާއި ޕްރެޝަރ ޓެސްޓް ހެދުމުގެ މަސައްކަތްވެސް މި ސެންޓަރުން ކުރާނެ އެވެ. އެމްޕީއެލް އިން މި ސެންޓަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.
މިހާތަނަށް އެމްޕީއެލްގެ ބަނދަރުތަކުގައި ބޭނުންކުރާ އަލިފާން ނިއްވާ ފުޅިތައް ރީފިލް ކުރުމާއި ސަރވިސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އައުޓްސޯސްކޮށްގެންނެވެ. އެހެން ނަމަވެސް، މިހާރު އެމްޕީއެލްގެ އަމިއްލަ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން މި މަސައްކަތްތައް ކުރަން ފެށުމަކީ ކުންފުނީގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމެކެވެ. މި ވަގުތުވެސް އެމްޕީއެލްގެ ބަނދަރުތަކާއި އެހެން އިމާރާތްތަކުގައި ބޭނުންކުރާ 900 އަށްވުރެ ގިނަ އަލިފާން ނިވާ ފުޅި ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްއިން ދަނީ ބަލަހައްޓަމުންނެވެ. މި ސެންޓަރުން މި ވަގުތު އެމްޕީއެލްގެ އާލަތްތަކަށް ޚިދުމަތް ދިން ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވިޔަފާރި އުސޫލުން މި ޚިދުމަތް ފުޅާކުރުމަކީ ކުންފުނީގެ އަމާޒެކެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ޤާބިލްކަން އިތުރުކުރުމާއި ފެންވަރު ދެމެހެއްޓުމަށް ކުންފުނިން ބޮޑު އިސްކަމެއް ދެއެވެ. އެގޮތުން، ސަލާމަތާއި ރައްކާތެރިކަމުގެ އެކި ދާއިރާތަކުން މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ދަނީ ފަހިކޮށްދެމުންނެވެ. މި ޑިޕާޓްމަންޓްގައި މި ވަގުތުވެސް އަލިފާން ނިއްވުމުގެ ތަމްރީނު ލިބިފައިވާ ޤާބިލް މުވައްޒަފުންތަކެއް އެބަތިއްބެވެ.
