ފަހުވަގުތު ބްރޫނޯ ކާމިޔާބުކުރި ޕެނަލްޓީއާއެކު ޔުނައިޓެޑަށް ފުރަތަމަ މޮޅު

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހުވަގުތު ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ޕެނަލްޓީއާއެކު، 3-2 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗު ފެށިގެން، ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ޔުނައިޓެޑުން ލީޑު ނެގުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 27 ވަނަ މިނެޓުގައެވެ. އެ ޓީމުގެ ކަސެމީރޯ ބޮލުން ޖެހި ބޯޅަ، ގޯލުގެ ހުރަސް ދަނޑީގައި ޖެހުމަށްފަހު ގޯލުގެ ތެރެއަށް ވަނީ ބާންލީގެ ޖޯޝް ކުލެންގެ ގައިގައި ޖެހިފައެވެ.

ޔުނައިޓެޑުން ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލި ނަމަވެސް، އެ ޓީމުގެ ކަންބޮޑުވުމަކީ އަނިޔާގެ ސަބަބުން މަތެއުސް ކުންޔާ ބަދަލުކުރަން ޖެހުމެވެ. ކުންޔާ އަކީ މި ސީޒަނުގައި ޔުނައިޓެޑާ އަލަށް ގުޅުނު ކުޅުންތެރިއެކެވެ.

ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ލައިލް ފޯސްޓާ ވަނީ ލަނޑު ޖަހައި ބާންލީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ޓީމުން ނަތީޖާ ހަމަހަމަ ކުރިތާ މިނެޓެއް ނުވަނީސް ބްރަޔަން އެމްބުއޭމޯ ވަނީ ލަނޑު ޖަހައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ކުރިހޯދަދީފައެވެ. އެއީ ޔުނައިޓެޑަށް ބަދަލުވުމަށްފަހު، ޕްރިމިއާ ލީގުގައި އެމްބުއޭމޯ ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޖެއިޑަން އެންތޮނީ ވަނީ ބާންލީއަށް އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއާއެކު، އެ ޓީމުން ވަނީ ޔުނައިޓެޑު އަތުން މުހިންމު ޕޮއިންޓެއް ލިބުމާ ގާތަށް ޖެހިލާފައެވެ.

މެޗުގެ އިތުރު ވަގުތުގައި ބާންލީގެ އޭރިއާ ތެރެއިން އަމަދު ޑިއާލޯ އަށް އެންތޮނީ ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީތެރިކަމާއެކު ރެފްރީއަށް މި ނިންމުން ނިންމަން ހަތަރު މިނެތު ނެގި އެވެ. މިދިޔަ ހަފުތާގައި ފުލަމް އާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ބޭރަށް ޖެހި ބްރޫނޯ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް ޔުނައިޓެޑް މޮޅުކޮށްދީފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ ތިން މެޗުން ހަތަރު ޕޮއިންޓު ހޯދާފައެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. މި ސީޒަނުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ބާންލީ އޮތީ 12 ވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ޔުނައިޓެޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ