އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށުމުގެ ކުރިން، ދާދި ފަހުން އެ ޓީމާ ގުޅުނު އެބެރެޗީ އެޒޭ، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފައިވެއެވެ.
ރޭގެ މެޗުގެ 34 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު، ޔޫރިއަން ޓިމްބާ ވަނީ ލަނޑެއް ޖަހައި އާސެނަލް އަށް ކުރިހޯދައީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓިމްބާ ތަނަވަސްކޮށްދިން ފުރުސަތަކުން، ބުކާޔޯ ސަކާ ވަނީ ލަނޑު ޖަހައި، އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އާސެނަލް އިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ވިކްޓާ ޔޯކަރޭސް ވަނީ އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ މި ހޫނުމޫސުމުގައި އާސެނަލް އާ ގުޅުނު ޔޯކަރޭސް އެ ޓީމަށް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ޔޯކަރޭސް ލަނޑު ޖެހިތާ އަށް މިނެޓު ފަހުން ލިބުނު ކޯނަރަކުން ޓިމްބާ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާ ވަނީ ނޯނީ މަޑުއޭކޭގެ ބަދަލު، އުމުރުން 15 އަހަރުގެ މެކްސް ޑޯމަން ކުޅެން ނެރެފައެވެ. ރޭގެ މެޗަކީ އާސެނަލްގެ ސީނިއާ ޓީމަށް ޑޯމަން ކުޅުނު ފުރަތަމަ މެޗެވެ. މިއާއެކު އޭނާ ވެފައިވަނީ އާސެނަލް އަށް ކުޅުނު ދެވަނަ އަށް ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާގެ އުމުރަކީ 15 އަހަރާއި 234 ދުވަހެވެ. އެ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔަކީ އީތަން ންވަނޭރީ އެވެ. 2022 ވަނަ އަހަރު ބްރެންޓްފޯޑާ ދެކޮޅަށް ކުޅެން ނިކުތް އިރު އޭނާގެ އުމުރަކީ 15 އަހަރާއި 181 ދުވަހެވެ.
ބަދަލަކަށް ކުޅެން ނިކުތް ޑޯމަން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، މެޗު ނިމެން ގާތް ވެފައިވަނިކޮށް ލީޑްސްގެ އޭރިއާ ތެރެއިން ޑޯމަން އަށް ކުރި ފައުލަކާ ގުޅިގެން އާސެނަލް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޔޯކަރޭސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، އާސެނަލް އަށް ފަސް ލަނޑުގެ ބޮޑު ލީޑެއް ހޯދަދީފައެވެ.
މެޗުން މޮޅުވި ނަމަވެސް، އާސެނަލް އަށް އޮތް ކަންބޮޑުވުމަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސަކާ އާއި ކެޕްޓަން މާޓިން އޮޑިގާޑް ބަދަލުކުރަން ޖެހުމެވެ.