ޓޮޓެންހަމްގެ ކެޕްޓަން، ކްރިސްޓިއަން ރޮމޭރޯ، އެ ޓީމާއެކު އިތުރު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުމުރުން 27 އަހަރުގެ ޑިފެންޑަރ އެޓަލަންޓާ ދޫކޮށް ޓޮޓެންހަމް އާ ގުޅުނީ 2021 ވަނަ އަހަރުއެވެ. އޭނާ އެންމެ ފުރަތަމަ އެ ޓީމަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.
ރޮމޭރޯ ވަނީ ޓޮޓެންހަމް އަށް 126 މެޗު ކުޅެ، އަށް ލަނޑު ޖަހާފައެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި އެ ޓީމުން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު ޓީމުގެ ކެޕްޓަނަކީ ރޮމޭރޯ އެވެ. އެ ޓީމުން ވަނީ ތަށްޓެއް ނުލިބި 17 އަހަރު ދުވަހު ކުރި ދިގު އިންތިޒާރު ނިމުމަކަށް ގެނެސްފައެވެ.
މި ހޫނުމޫސުމުގައި ރޮމޭރޯ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަތަކެއް ފެތުރިފައިވަނިކޮށް، ކޯޗު ތޯމަސް ފްރޭންކް ވަނީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ރޮމޭރޯ ހަމަޖައްސާފައެވެ. އައު އެއްބަސްވުމާއެކު 2029 ވަނަ އަހަރާ ހަމަޔަށް އޭނާ ކްލަބުގައި މަޑުކުރާނެއެވެ.
ރޮމޭރޯ ބުނީ ޓޮޓެންހަމްގައި ހުރީ ވަރަށް އުފަލުން ކަމަށާއި، ޔޫރޮޕާ ލީގު ކާމިޔާބުކުރުމުގައި އޭނާގެ ހިއްސާ އޮތުމުން އުފާވާ ކަމަށެވެ. އަދި ބޭނުންވަނީ މޮޅުވާން ކަމަށާއި، މި ސީޒަނުގައިވެސް ތަށްޓެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
