އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ޓޮޓެންހަމް އިން 2-0 ގެ ނަތީޖާއަކުން ސިޓީގެ މައްޗަށް ކުރިހޯދައިފިއެވެ.
ޓޮޓެންހަމް އިން ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު 4-0 ގެ ނަތީޖާއަކުން ސިޓީގެ ދަނޑުގައި އެ ޓީމު ބަލިކޮށްފައެވެ. ރޭގެ މެޗުގައި ސިތީގެ ޑިފެންސަށް ގިނަ ގޯސްތަކެއް ހެދުނުއިރު، ޓޮޓެންހަމް އިން ވަނީ ކާމިޔާބީ ތަކުރާރުކޮށް، ސީޒަނުގެ ދެވަނަ މޮޅު ހޯދާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިތީގެ އިޖިޕްޓް ކުޅުންތެރިޔާ، އޮމަރު މާމޫޝް އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް، ޓޮޓެންހަމްގެ ކީޕަރު ވިކާރިއޯ ވަނީ ދެ ހަމަލާވެސް ހުއްޓުވާފައެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ރިޗާލިސަން ތަނަވަސްކޮށްދިން ފުރުސަތަކުން ބްރެނަން ޖޯންސަން ވަނީ ލަނޑު ޖަހައި ޓޮޓެންހަމް އަށް ކުރިހޯދަދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީގެ ކީޕަރު، ޖޭމްސް ޓްރެފޯޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޖޮއާއޯ ޕަލީނިއާ ވަނީ ޓޮޓެންހަމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ދެވަނަ ހާފުގައިވެސް ސިޓީއަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފައިވާއިރު، ޓޮޓެންހަމް އިން ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ދެ މެޗު ފުރިހަމަކޮށްފައެވެ.