ޓޮޓެންހަމް ދޫކޮށް، ރެކޯޑު ފީ އަކަށް ސޮން ހެއުން މިން، ލޮސް އެންޖެލިސް އެފްސީ އަށް ބަދަލުވުމާ ގާތަށް ޖެހިލައިފިއެވެ.
ދެކުނު ކޮރެއާގެ ފޯވާޑް ވަނީ 10 އަހަރު ޓޮޓެންހަމްގައި ހޭދަކުރުމަށްފަހު އެ ކްލަބް ދޫކޮށްލާކަން، މިދިޔަ ހޮނިހިރު ދުވަހު އިއުލާނުކޮށްފައެވެ.
ބޭރުގެ ރިޕޯޓުތައް ބުނާގޮތުން، އުމުރުން 33 އަހަރުގެ ސޮން، އެލްއޭއެފްސީ އަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މޭޖާ ލީގް ސޮކާ (އެމްއެލްއެސް) އަށް އޭނާ ބަދަލުވާނީ ރެކޯޑު ފީ އަކަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، އެ ލީގަށް އެންމެ އަގުބޮޑުކޮށް ގެންދިޔަ ކުޅުންތެރިޔަކީ އެމަނުއެލް ލަޓޭ ލަތް އެވެ. އެޓްލަންޓާ ޔުނައިޓެޑަށް އޭނާ ގެންދިޔައީ 22.5 މިލިއަން ޕައުންޑަށެވެ.
އެލްއޭއެފްސީ އާ ސޮން އާ ދެމެދު ވެވޭ އެއްބަސްވުމުގެ އެންމެ ފަހު މަރުހަލާތައް މިހާރު ކުރިޔަށްދާއިރު، މިހާރު ނުނިމި އޮތީ ލިޔެކިޔުންތަކާއި މެޑިކަލް އެވެ.
ރޭ ނިއުކާސަލް ޔުނައިޓެޑު ކައިރިން 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗަކީ ޓޮޓެންހަމްގެ ޖާޒީގައި ސޮން ކުޅުނު ފަހު މެޗަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި މެޗުގައި ޓޮޓެންހަމްގެ ކުޅުންތެރިން ވަނީ ސޮން އަށް އިހުތިރާމު އަދާކޮށްފައެވެ.
2015 ވަނަ އަހަރު ބަޔާ ލެވަކޫސަން އިން ޓޮޓެންހަމް އަށް ބަދަލުވުމަށްފަހު ސޮން ވަނީ އެ ޓީމަށް 454 މެޗު ކުޅެދީ، 173 ލަނޑު ޖަހާފައެވެ.
ޓޮޓެންހަމް އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަނަކީ ސޮން އެވެ. އެއީ 17 އަހަރު ތެރޭ އެ ޓީމަށް ލިބުނު ފުރަތަމަ ތަށްޓެވެ.
