ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި ރޭ ނުވަ ކުޅުންތެރިންނާއެކު ކުޅުނު މަޔޯކާ ކައިރިން 3-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
މަޔޯކާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ލަމީން ޔަމާލް ނަގައިދިން ހުރަހަކުން، ރަފީނިއާ ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރިހޯދަދީފަ އެވެ. އޭގެފަހުން، މެޗުގެ 23 ވަނަ މިނެޓުގައި ފެރަން ޓޮރޭސް ވަނީ ބާސެލޯނާއަށް ލީޑު ފުޅާކޮށްދީފަ އެވެ.
ދެ ލަނޑުގެ ފަރަގަކުން ބަލިކޮށް އޮތް މަޔޯކާއަށް އިތުރު މައްސަލަތައް ދިމާވީ، މެޗުގެ 33 ވަނަ މިނެޓުގައި މަނޫ މޯލޭންސް އަށް ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ޔަމާލް އަށް ކުރި ފައުލަކާ ގުޅިގެނެވެ.
މެޗުގެ 39 ވަނަ މިނެޓުގައި މަޔޯކާގެ ހާލަތު ވަނީ އިތުރަށް ގޯސް ވެފަ އެވެ. ބާސެލޯނާގެ ކީޕަރު، ޖޯން ގާސިއާއަށް ކުރި ފައުލަކާ ގުޅިގެން ވެޑެޓް މުރިީގީ އަށްވެސް ވަނީ ރަތް ކާޑު ދައްކާފަ އެވެ. މިއާއެކު، މަޔޯކާ އިން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ ދެ ކުޅުންތެރިން މަދުކޮށެވެ.
ދެވަނަ ހާފުގައި މަޔޯކާގެ ދެ ކުޅުންތެރިން މަދު ނަމަވެސް، ބާސެލޯނާއަށް އޭގެ ފައިދާ އެންމެ ރަނގަޅަކަށް ނެގިފައެއް ނުވެ އެވެ. ދެވަނަ ހާފުގައި އެ ޓީމަށް ޖެހުނީ އެންމެ ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޔަމާލް އެވެ.
މެޗުގެ 69 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފަ އެވެ. މިއާއެކު އޭނާ ވެފައިވަނީ 1989 ވަނަ އަހަރު ގެރީ ލިންކާއަށްފަހު، ރަސްމީ މެޗެއްގައި ބާސެލޯނާއަށް ކުޅުނު ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާއަށެވެ.