ފީފާ ކްލަބް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި 3-2 ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، ރެއާލް މެޑްރިޑް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ރެއާލްގެ ޒުވާން ކުޅުންތެރިޔާ، ގޮންޒާލޯ ގާސިއާ ވަނީ ލަނޑެއް ޖަހާފައެވެ. އެއީ މި މުބާރާތުގައި ގާސިއާ ޖެހި ހަތަރުވަނަ ލަނޑެވެ. މިއާއެކު، ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ގާސިއާ އެވެ.
ގޮންޒާލޯ ގާސިއާ ލަނޑު ޖެހިތާ 10 މިނެޓު ފަހުން ފްރޭން ގާސިއާ ވަނީ ލަނޑު ޖަހައި ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. ރެއާލުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި މެކްސިމިލިއަން ބައިއާ ވަނީ ލަނޑެއް ޖަހައި ޑޯޓްމަންޑަށް އުއްމީދެއް ހޯދަދީފައެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ކީލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި، ރެއާލަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.
މެޗު ނިމެން ގާތް ވެފައިވަނިކޮށް ޑޯޓްމަންޑްގެ ސޭހޫ ގިރާސީ އަށް ރެއާލްގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު، ޑީން ހައުސަން ފައުލެއް ކުރުމުން އޭނާ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ގިރާސީ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، ޑޯޓްމަންޑަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ރެއާލް ނިކުންނާނީ ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީ އާ ދެކޮޅަށެވެ.
