ޔުއެފާ ޗެމްޕިއަންސްލީގުގައި ރޭ ކީލިއަން އެމްބާޕޭ ޖެހި ދެ ލަނޑާއެކު ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން މާސޭ ބަލިކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޓްރެންޓް-އެލެކްސަންޑާ އާނޯލްޑުގެ ފަލަމަސްގަނޑަށް އަނިޔާވުމާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.
މެޗުގެ 22 ވަނަ މިނެޓުގައި މޭސަން ގްރީންވުޑް ތަނަވަސްކޮށްދިން ފުރުސަތަކުން ޓިމޮތީ ވިއާ ވަނީ ލަނޑެއް ޖަހައި މާސޭ އަށް ކުރިހޯދަދީފައެވެ. ނަމަވެސް، އޭގެ ހަ މިނެޓު ފަހުން މާސޭގެ އޭރިއާ ތެރެއިން އެ ޓީމުގެ ޖެފްރީ ކޮންޑޮގްބިއާ، ރެއާލްގެ ރޮޑްރީގޯ އަށް ފައުލް ކުރުމުން ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، އެމްބާޕޭ ވަނީ ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު އެއްވަރު ވެފައިވާއިރު، ދެވަނަ ހާފުގައި ރެއާލަށް އިތުރު މައްސަލަތައް ދިމާވީ އެ ޓީމުގެ ޑެނީ ކާވަހާލް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ މާސޭގެ ކީޕަރާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ރެއާލަށް މެޗުން މޮޅުވާން ފުރުސަތު ލިބުނީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މާސޭގެ އޭރިއާ ތެރެއިން ވިނީޝިއުސް ޖޫނިއާ އަށް ކުރި ފައުލަކާ ގުޅިގެން ރެއާލަށް ވަނީ ދެވަނަ ޕެނަލްޓީ ލިބިފައެވެ. އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ޕެނަލްޓީވެސް ކާމިޔާބުކޮށް، ރެއާލް މޮޅުކޮށްދީފައެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ މެޗުގައި ރެއާލް ނިކުންނާނީ ކަޒަކިސްތާންގެ ކައިރާތު އާ ދެކޮޅަށެވެ. އަދި މާސޭ ބައްދަލުކުރާނީ އަޔަކްސް އާއެވެ.