ސިންގަޕޫރާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށާއި، ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި އެވެ.
ގައުމީ ޓީމުން އެންމެ ފުރަތަމަ ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ. އޭގެ ފަހުން މި މަހުގެ 10 ވަނަ ދުވަހު އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗެއް ކުޅޭނެ އެވެ.
ޓިމޯ ލެސްޓޭގައި ފީފާ އަދި އޭއެފްސީ މިންގަނޑުތަކަށް ފެތޭ ދަނޑެއް ނެތުމުގެ ސަބަބުން، އެ ޤައުމުގެ ހޯމް މެޗުތައް ކުޅެން ޖެހެނީ އެހެން ޤައުމެއްގަ އެވެ. އެގޮތުން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރަން މަސައްކަތް ކޮށްފައިވަނީ ތައިލެންޑްގައި ކުޅުމަށެވެ. ނަމަވެސް މިހާރު އެ މެޗު ކުޅެން ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގަ އެވެ.
މިފަހަރު ގައުމީ ޓީމުން މެޗުތަކަށް ދަނީ ދާދި ފަހުން ނިމުނު އެފްއޭއެމް ލީގު ކަޕަށް ފަހުގަ އެވެ. މިއީ ގައުމީ ޓީމުން ލޯކަލް މުބާރާތެއްގެ މެޗުތަކަށް ފަހު ބައިނަލްއަޤްވާމީ މެޗުތަކަށް ދާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޫބަރު އަދި މި އަހަރުގެ މާޗް މަހު ކުޅުނު މެޗުތަކުގައި ވެސް ކުޅެން ޖެހުނީ ލޯކަލް މުބާރާތެއްގެ މެޗުތަކެއް ނުކުޅެ އެވެ.
ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗަކީ 2022 ވަނަ އަހަރަށް ފަހު އެ ޤައުމާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ. އެންމެ ފަހުން ދެ ޓީމު ބައްދަލުކުރި މެޗުން ސިންގަޕޫރު ވަނީ 3-1 އިން މޮޅުވެފަ އެވެ. އަދި 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގ ގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުން ފިލިޕީންސް އަތުން 4-1 އިން ބަލިވެފައިވާއިރު، ޓިމޯ ލެސްޓޭ ވަނީ ތަޖިކިސްތާން އަތުން 1-0 އިން ބަލިވެފަ އެވެ.
