ސްޕެނިޝް ލީގުގައި ރޭ ނުވަ ކުޅުންތެރިންނާއެކު މެޗުގެ ބޮޑުބައި ކުޅުނު ސެވިއްޔާ ކައިރިން 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ އަށް ކުރި ފައުލަކާ ގުޅިގެން ސެވިއްޔާގެ ލޮއިކް ބާޑޭ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ރެއާލްގެ ކައުންޓާ އެޓޭކް ހުއްޓުވުުމަށް، އެންމެ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ އެމްބާޕޭ ގައިގައި ހިފެހެއްޓުމުންނެވެ.
ސެވިއްޔާއިން ކުުޅުންތެރިޔަކު މަދުކޮށް ކުޅެ، އުނދަގޫ ހާފެއް ނިންމާލިއިރު، ދެވަނަ ހާފުގައި އެ ޓީމަށް ވަނީ އިތުރުު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދެވަނަ ހާފުގައި ކުޅެން ނިކުތް އިސާކް ރޮމޭރޯ އަށް ވަނީ އޭނާ ކުޅެން ނިކުތްތާ މިނެޓެއް ނުވަނީސް ރަތް ކާޑު ދައްކާފައެވެ. ރެއާލްގެ އައުރެލިއަން ޗުއަމެނީ އަށް ކުރި ފައުލާ ގުޅިގެން އޭނާ އަށް ފުރަތަމަ ދެއްކީ ރީންދޫ ކާޑެކެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފައެވެ.
ސެވިއްޔާއިން ވަނީ ދެ ކުޅުންތެރިން މަދުކޮށްވެސް ރަނގަޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ. ނަމަވެސް، މެޗުގެ 75 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ލަނޑު ޖަހައި ރެއާލަށް ކުރިހޯދަދީފައެވެ. އެއީ ލީގުގައި އެމްބާޕޭ ކާމިޔާބުކުރި 29 ވަނަ ލަނޑެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބްރެޒިލް އަށް ބަދަލުވާން ނިންމާފައިވާއިރު، އޭނާ ރެއާލަށް އިރުޝާދުދޭ އެންމެ ފަހު މެޗަކީ ސީޒަނުގެ ފަހު މެޗެވެ. މި މަހުގެ 25 ވަނަ ދުވަހު ރެއާލް ނިކުންނާނީ ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށެވެ.