މި އަހަރުގެ ފުރަތަމަ ތިން މަހުގައި ސަރުކާރު ކުންފުނިތަކުން ހޯދި ސާފު ފައިދާ މިދިޔަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓު އިތުރުވެއްޖެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސާއި އެކިއެކި ހަރަދުތައް ކެނޑުމަށްފަހު މިދިޔަ އަހަރާ އަޅާބަލާއިރު ކުންފުނިތަކުގެ ސާފު ފައިދާ ވަނީ އިތުރުވެފަ އެވެ. ނަމަވެސް ޖުމްލަ އާމްދަނީއަށް ވަނީ ދަށްވެފަ އެވެ.
ޕީސީބީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ސަރުކާރު ކުންފުނިތަކަށް ޖުމްލަ 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. ނަމަވެސް، މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9 ޕަސެންޓުގެ ދަށްވުމެކެވެ. އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ. އެ ކުންފުންޏަށް ލިބިފައިވަނީ 4.02 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.
އާމްދަނީ ދަށްވުމާއެކުވެސް ސާފު ފައިދާ އިތުރުވެފައިވުމަކީ ހަރަދުތައް ކޮންޓްރޯލް ކުރުމުގައި ކުންފުނިތަކަށް ލިބިފައިވާ ކާމިޔާބީއެކެވެ.
ޓެކްސާއި އެހެނިހެން ހަރަދުތައް ކެނޑުމަށްފަހު، ސަރުކާރު ކުންފުނިތަކަށް ޖުމްލަ 1.76 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެ އެވެ. އެންމެ ބޮޑު ސާފު ފައިދާއެއް ހޯދާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. އެ ކުންފުނިން ވަނީ 572 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދާފަ އެވެ.
މާލީ ނަތީޖާއަށް ބަލާއިރު، ސަރުކާރު ކުންފުނިތަކުގެ އެސެޓްތައް ވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް 186.59 ބިލިއަން ރުފިޔާގައި ހުރި އެސެޓްތައް މިހާރު ވަނީ 205 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މީގެ އިތުރުން، މި ކުންފުނިތަކުގައި މިހާރު 37،900 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމްއޭސީއެލް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)



